ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު އަޒުހާންގެ ހަށިގަނޑު ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ކުނި ވެފައި ކަމަށާއި، އެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އަޒްހާން ގެއްލިގެން އޭނާ ހޯދުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެމަސައްކަތުގެ ތެރެއިން މިއަދު ހަވީރު ފުލުހުންނަށް ވަނީ އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ހުޅުމާލޭ ވޯޓާ ތީމް ޕާކު ކައިރީގައި އޮންނަ ގަސްތަކެއްގެ ތެރެއިން ފެނިފައެވެ.

އެ ސަރަހައްދުގައި ފުލުހުން މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޔުނިޓުގެ ހެޑު ސުޕްރިންޓެންޑެންޓް ހަސަން ސައީދު ވިދާޅުވީ، ހުޅުމާލޭން މިއަދު ފެނުނު ހަށިގަނޑަކީ ގެއްލިގެން ހޯދަމުން އަންނަ އަޒުހާންގެ ހަށިގަނޑަށް ވުން ގާތް ކަމަށާއި އެސަރަހައްދު ބަލަން ފަށާފައިވަނީ އަޒްހާން ގެއްލުމާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން ލިބުނު ސީސީޓީވީ ފުޓޫޖްތަކާއި ލިބުނު މައުލޫމާތުތަކަށް ބަލައިގެން ކަމަށެވެ.

ފުލުހުން ބުނީ ޕޯސްޓްމޯޓަމް ހަދާނެކަން އަޒްހާންގެ އާއިލާއަށް ވެސް އަންގާފައިވާނެ ކަމަށެވެ. އަދި މިހާތަނަށް އައި އިރު ސީން ރަނގަޅަށް ޕްރޮސެސް ނުކުރެވޭ ކަމަށާއި ފެނުނު ހަށިގަނޑުގައި ޒަހަމްތައް ހުރިކަން ދެނެގަންނަން މިވަގުތު ދަތިކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށާއި ހަށިގަނޑު ފެނުނު ތަނުން އޭނާގެ ފޯނު ފެނިފައިނުވާކަމަށެވެ.

ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ، އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާން ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ ހުސްވި މަހުގެ 20 ވަނަ ދުވަހުގެ ރޭ 19:00ހާއިރެވެ.



ކިޔުންތެރިންގެ ހިޔާލު