މާލޭ މަގުމަތީ ޓްރެފިކް ބާރުބޮޑުވެފައި އޮތް ވަގުތެއްގައި އާންމުންގެ މީހަކު އިސްވެނުކުމެ ޓްރެފިކް ހަމައަކަށް އަޅުވައިދީފިއެވެ.

މިހާރު މިސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، މެދުއުމުރުން މަތީގެ މިމީހާ ވަނީ މަޖީދީމަގާއި ސޯސަންމަގު ގުޅޭތަނުގައި ހުރެ، އެ ސަރަހައްދުގައި ކޮޅުކޮޅަށް ދުއްވަމުންދިޔަ ބައެއް އުޅަނދުތައް މަޑުކުރަން އަދި އަނެއްބައި އުޅަނދުތައް ކުރިއަށް ދިޔުމަށް އިޝާރާތްކޮށް ޓްރެފިކް ހަމައަކަށް އަޅުވަން މަސައްކަތް ކޮށްފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި، އޭނާގެ އިޝާރާތަށް އުޅަނދުތަކުގައި ތިބި މީހުން ވެސް ދިޔައީ ތަބާވަމުންނެވެ. އެ މީހާގެ އިޖުތިމާއީ އެ މަސައްކަތަށް ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ތައުރީފު ކުރަމުންނެވެ.



އާންމު ގޮތެއްގައި މާލޭގެ ބާރުބޮޑު މަގުތަކުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ތިބެއެވެ. އަދި ޓްރެފިކްގެ މައްސަލަތައް ހައްލު ކުރުމުގައި އެ ފުލުހުން ރެޔާއިދުވާލު ގިނަ ވަގުތުތަކެއްގައި މަސައްކަތް ކުރާތަންވެސް ފެނެއެވެ. ނަމަވެސް، އާންމުންގެ މީހާ ޓްރެފިކް ހަމައަކަށް އަޅުވައިދިން ވަގުތު އެ ސަރަހައްދުން ފުލުހަކު ފެންނާކަށް ނެތެވެ.

މާލޭގެ މަގުތަކުގެ ޓްރެފިކް މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެކެވެ. ހާއްސަކޮށް މި ދުވަސްވަރަކީ އަލަށް ތައާރަފުކުރި މިނީ ބަހުގެ ހިދުމަތާއިއެކު މާލޭގެ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ދުވަސްވަރެއްކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު