ސެޕްޓެންބަރު 28 ވަނަ ދުވަހު އިންޑިއާގެ ޓުޓްކޮރިނުން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުމް ގޯސްވެ، ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ބޯޓެއް އަޑިއަށް ގޮސް އެ ބޯޓުން ދަތުރުކުރި ފަޅުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓް އަޑިއަށްގޮސް، އޭގެން ދަތުރުކުރި ހަތް ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް ސަލާމަތް ކޮށްފައިވަނީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުންކަމަށެވެ. އަދި، އެއް ފަޅުވެރިއަކު ފެނިފައި ނުވާތީ، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗް ދަނީ އެ މީހާ ހޯދުމުގެ މަސައްކަތުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް އެމްެއެންޑީއެފް ކޯސްޓްގާޑު އެމްއާރްސީސީއަށް ލިބިފައިވަނީ މިއަދު 10:30 ހާއިރުކަމަށެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދާ މީހާ ލައިގެން ހުރީ، ނޫކުލައިގެ ޓީޝާޓަކާއި އަދި ނޫކުލައިގެ ސޯޓްބުރިއެއްކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި، އެންމެ ފަހުން އޭނާ ފެނުނުއިރު އޭނާ އޮތީ ލައިފްޖެކެޓް ވެސް އަޅައިގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު