މިއީ ޕާކިސްތާނުން ރާއްޖެއަށް ވެދިން އެހީތެރިކަން ހަނދާންކޮށް، ދިވެހިން ޕާކިސްތާނަށް އެހީވާންވީ ވަގުތުކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޟް މިހެން ވިދާޅުވީ ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ބާއްވާ "ހެލްޕް ޕާކިސްތާން" ޓެލެތޯން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައެވެ. މިއީ ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނާއި، ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން އިސްނަގައިގެން، ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

"ހެލްޕް ޕާކިސްތާން" ޓެލެތޯން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަައިގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ވިދާޅުވީ ޕާކިސްތާނާ ރާއްޖޭގެ ގުޅުމަކީ ޒަމާންވީ ގާތްގުޅުމެއްކަމަށާއި، ޕާކިސްތާނަކީ ރާއްޖެއަށް އެތައް ގޮތަކުން އެހީތެރިވެދޭ ޤައުމެއްކަމަށެވެ. އަދި ރާއްޖޭގެ ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާގެ އިތުރުން އިޖްތިމާޢީ އެކިއެކި ކަންކަމުގައި ޕާކިސްތާނުން ފޯރުކޮށްދީފައިވާ އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފައްޔާޟް ވިދާޅުވީ މިއީ ޕާކިސްތާނުން ރާއްޖެއަށް ވެދިން އެހީތެރިކަން ހަނދާންކޮށް، ދިވެހިން ޕާކިސްތާނަށް އެހީވާންވީ ވަގުތުކަމަށެވެ. އަދި ޕާކިސްތާނުގެ ލޮބުވެތި ރައްޔިތުންނަށް އެހީވުމަށް، މި ޓެލެތޯނުގައި އެންމެހާ ދިވެހިން ބައިވެރިވުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.

މި ޓެލެތޯން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށެވެ. ޕާކިސްތާނަށް އެހީވުމުގެ ގޮތުން މާލޭގެ 5 ސަރަޙައްދެއްގައި ފަންޑު ފޮށި ވަނީ ބެހެއްޓިފައެވެ. އެގޮތުން އާޓިފިޝަލް ބީޗު، ވިލިމާލޭ ފެރީ ޓަރމިނަލް، ދިވެހިރާއްޖޭގެ އަޑު، ޓީވީއެމް، ޖުމްހޫރީ ޕާކުގެ އިތުރުން ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައި ފަންޑު ފޮށި ބަހައްޓާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު