ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރަން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރަން ގާނޫނު އަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލް އެކުލަވާލައި މަޖިލީހުގެ ތިން ވަނަ ދައުރަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެ ބިލު އެކުލަވާލުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ސުޕްރީމް ކޯޓާއި ހައިކޯޓާއި ދަށު ކޯޓުތަކާއި ޖުޑީޝަލް ސާވިސް ކޮމިޝަނާއި އެ ނޫން ވެސް ކަމާބެހޭ ފަރާތްތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ކުރިއަށްއޮތް ހަފުތާގެ ތެރޭގައި ފެށުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޖޭއެސްސީގައި މިހާރު ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިސްގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރަށްވާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މީހެއް ހިމެނޭ ގޮތަށެވެ.

ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމަކީ ރައީސް ސާލިހުގެ ސަރުކާރުގެ ރިޔާސީ ވައުދެކެެވެ. އެހެންނަމަވެސް މި ސަރުކާރުގެ ރިޔާސީ ދައުރު ހަމަވުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކޮށްފައިނުވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު