އިންޑިޔާއާއި ރާއްޖެއާއި ދެމެދުގައި ގުޅުން ބަދަހި ކުރަނީ އަޑީގައި ނުބައި ރޭވުމެއް އޮވެގެން ނޫން ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އެހީގައި ހެދި ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގެ އަވަސް ފަރުވާދޭ ޔުނިޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖެންޑަރު މިނިސްޓަރު ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ އިންޑިޔާ އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުން ބަދަހި ކުރަނީ އެކަމުގެ އަޑީގައި ނުބައި ރޭވުމެއް ނުވަތަ ނުބައި ވިސްނުމެއްގައި ނޫން ކަމަށެވެ. އިންޑިޔާއާ ރާއްޖެ އަކީ އެކުވެރި ދެ ގައުމުކަމަށާއި އެގުޅުން ބަދަހިކުރަނީ އެއްބަނޑު އެއްބަފާ ޖެހިގެން އޮތް ގައުމުގެ ގޮތަށް ބަލައިގެން ކަމަށް އާއިޝާ ވިދާޅުވިއެެވެ.

ރާއްޖެ އޮންނަ އިންޑިޔާ ކަނޑަކީ ވަރަށް ނާޒުކު ކަނޑެެއް ކަމަށާއި އެކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އެގައުމަށް ބޭނުންވާއިރު އެކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެ ގައުމާއި ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.



"އިހުޒަމާނުއްސުރެ މި އޮތް އެހީދިނުމުގެ ގުޅުމަކީ މުޅިން ތަފާތު ގުޅުމެއް. އެގުޅުމުގެ ތެރެއިން އަޅުގަނޑުމެންގެ އިޖުތިމާއީ ގުޅުން ތަރައްގީ ކުރަން މަސައްކަތް ކޮށްދެއްވައިފި، ސިފައިންނާއި ފުލުހުން ތަރައްގީ ކުރަން މަސައްކަތް ކޮށްދެއްވައިފި. ކަސްޓަމްސް އޮފިސަރުންނާއި އަލިފާން ނިއްވާ މީހުންނާއި އަޅުގަނޑުމެންގެ މުދައްރިސުންނާއި މިހެން ގޮސް އަޅުގަނޑުމެންގެ ކޮންމެ ދާއިރާ އެއް ބެލިކަމުގައިވިޔަސް އިންޑިޔާގެ އެހީތެރިކަން ވަނީ ލިބިފަ." މިނިސްޓަރު ވިދާޅުވިއެެވެ.

ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގެ އަވަސް ފަރުވާދޭ ޔުނިޓް މަޝްރޫއަށް އިންޑިއާ އިން ވަނީ 7.5 މިލިއަން ރުފިޔާއާ ގާތް ކުރާ އަދަދަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި މަޝްރޫއުގެ ދަށުން ސިއްހީ މަރުކަޒުގައި ކުއްލި ސިއްހީ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ޔުނިޓަށް ބޭނުންވާ ހުރިހާ އާލާތްތަކެއް ގާއިމުކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީ އިން ބުނެއެވެ.

މިފަދަ ޔުނިޓެއް ގާއިމުކޮށްފައި ވަނީ ރާއްޖޭގެ ކަންކޮޅުތަކުން ހޮވާލެވޭ ސަރަހައްދުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ގާބިލް ކަން އިތުރަށް ވަރުގަދަ ކުރުމަށެެވެ. މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ފުރާނައަށް ނުރައްކާވާ ފަދަ ގެއްލުމެއް/ބައްޔެއް ކުރިމަތިވެފައިވާ ބަލި މީހާއަށް ކުއްލި ފަރުވާ ފޯރުކޮށްދިނުން ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން