މި އަހަރުގެ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ ހަރަކާތަށް ހުރަސް އެޅުމަށް ހިންގި ކަންކަން އެގޮތަށް ހިނގާފާނެކަމަށް ކުރިން އަންދާޒާ ކުރެވިފައި ނުވާކަމަށް އިސްލާމިކް މިނިސްޓަރު އަޙްމަދު ޒާޙިރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޔޯގާ މައްސަލައަކީ އިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައިވާ މައްސަލައެއް ކަމަށާއި، ޔޯގާއާއި ގުޅޭގޮތުން 2015 ވަނަ އަހަރުން ފެށިގެންވެސް އިލްމުވެރިން އެކި ގޮތަށް ހިޔާލުފާޅު ކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް، ޔޯގާ ދުވަހުގެ ކުރިންވެސް އަދި ފަހުން ވެސް އެކަމާއިގުޅޭގޮތުން ފަތުވާ މަޖިލީހުގެ ރައުޔަކަށް އެދި މިނިސްޓްރީއަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ މައްސަލައަކީ 2015 ވަނަ އަހަރުއްސުރެ ވެސް ހިލާފު އުފެދިފައި އޮތް މައްސަލައެއްކަމުން، އެއީ، އިސްލާމިކް މިނިސްޓްރީއާއި، ފުލުހުންނާއި އަދި ޔޫތު މިނިސްޓްރީ އެއްތާނގައި ތިބެ މަޝްވަރާ ކުރަންޖެހޭފަދަ ކަމެއްކަމަށް ކުރިން ދެކެވިފައި ނެތް ކަމަށެވެ.

ނަމަވެސް، މި ހިނގި ކަންކަމާއި ގުޅިގެން ޔޯގާ އާއި ގުޅޭގޮތުން ފަތުވާއެއް ނެރެދެއްވުމަށް ފަތުވާ މަޖިލީހުގައި މިހާރު އެދިވަޑައިގެންފައި ވާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޔޯގާ ދުވަހު ހިނގި ހަމަނުޖެހުމާއި ގުޅިގެން މިހާރު ވެސް ގިނަ ބަޔަކު ތިބީ ފުލުހުންގެ ހައްޔަރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން