ހދ. ހަނިމާދޫއިން ކަންނެލި އެކްސްޕޯޓް ނުކުރެވުމަކީ އެ ސަރަހައްދުގެ އިޤްތިޞާދުގައި އެޅިފައި އޮތް މަރުތަޅެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެެވެ.

ބޮޑެތިލަދުންމަތީގައި އާރުޓީއެލްގެ ހިދުމަތް ރަސްމީކޮށް އިފްތިތާޙު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ، ބޮޑުތިލަދުންމައްޗަކީ ބޮޑުކަންނެލީގެ މަސްވެރިން ގިނަ ސަރަހައްދެއް ކަމަށެވެ. އަދި ހަނިމާދޫއިން ކަންނެލި އެކްސްޕޯޓް ނުކުރެވުމަކީ އެ ސަރަހައްދުގެ އިޤްތިޞާދުގައި އެޅިފައި އޮތް މަރުތަޅެއް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރައީސް ސާލިޙު ވިދާޅުވީ އެސަރަޙައްދުން މަސްގަންނަ މަރުކަޒުގެ މަސައްކަތް، އަންނަ އަހަރު އިހަވަންދޫގައި ފެށޭނެ ކަމަށެވެ.



މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ސޭލާ ހުއްޓިފައި އޮތުމަކީ، ބަނދަރެއްގެ ނަމުގައި ކުރެވޭނެ އިސްރާފެއް ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލާ އެކު، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރަށް ބޭލޭ މުދާ އިތުރުވެފައިވާ ކަން ރައީސް ވަަނީ ފާހަގަކުރަށްވާފައެވެ. ބޮޑު ތިލަދުންމައްޗަށް ގެނެވޭ ބޮޑު ބަދަލެއްގެ ގޮތުގައި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު އިތުރަށް ތަރައްޤީ ކުރެވޭނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އެ ބަނދަރުން ގިނަ މުދާ ބަނދަރުވި ވަރަކަށް ޢާންމު އާމްދަނީއާއި، ކުދި ވަތްގަނޑުތަކާއި، ވިކުރާ ހިނގުން އިތުރުވާނެ. އެ ބަދަލު ނުފެށި، އިޤްތިޞާދީ ދުޅަހެޔޮކަމެއް ނުފެންނާނެ. ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލާއެކު، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރަށް ބޭލޭ މުދާ އިތުރުވެއްޖެ. ބޮޑުތިލަދުންމައްޗަށް ގެނެވޭ ބޮޑު ބަދަލެއްގެ ގޮތުގައި، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު އިތުރަށް ތަރައްޤީ ކުރެވޭނެ." ރައީސް ވިދާޅުވިއެެވެ.

އަދި ބޮޑުތިލަދުންމަތީގައި ބިންދަތި ރަށް ރަށަށް ޖުމްލަ 43 ހެކްޓަރުގެ ބިން އިތުރު ކުރުމުގެ، ތަފާތު މަޝްރޫޢުތައް އެ ސަރަހައްދުގައި ވެސް، މިހާރު ވެސް ހިނގަމުންދާ ކަން ރައީސް ވަނީ ފާހަގަކުރަށްވާފައެެވެ.



ކިޔުންތެރިންގެ ހިޔާލު