ދުނިޔޭގެ މާލީ އިދާރާތަކުން ދިވެހި ދައުލަތަށް އިތުބާރު ކުރާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އަށް ދޭންޖެހޭ ވެކްސިންގެ ކަންކަން ހަރުދަނާ ކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން މިއަދު ރާއްޖެއަށް 10 މިލިއަން ޑޮލަރު ދޭން ނިންމުމުން އެކަމާއި ގުޅުވައި، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ މަސައްކަތަށް ތައުރީފު ކުރައްވަމުން ސައުދުﷲ ވިދާޅުވީ، އިތުބާރާއި ޔަގީން ކަމަކީ އެއްދުވަހުން ހޯދޭނެ އެއްޗެއް ނޫންކަމަށާއި މިއަދު މިފެންނަނީ މިނިސްޓަރުގެ ހިދުމަތާއި ފަންނުގެ މަތިވެރި ނަތީޖާ ކަމަށެވެ.

އަދި ދުނިޔޭގެ މާލީ އިދާރާތަކުން ދިވެހި ދައުލަތައް އިތުބާތު ކުރާ ކަމަށް ވެސް ސައުދުﷲ ވަނީ ވިދާޅުވެފައެވެ.



އޭޑީބީން މިފަހަރު ދިން އެހީއަކީ އޭޑީބީގެ އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީގެ ދަށުން ވެކްސިން ރައްކާކުރާ ފެސިލިޓީތައް ގާއިމްކުރުމަށާއި، ވެކްސިން ޖެހުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ދިން އެހީއެކެވެ.

މި އެހީގެ ދަށުން ހުޅުމާލޭގައި އިއާދަކުރަނިވި ހަކަތައިން އޮޕަރޭޓްކުރާ ސެންޓްރަލް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ތަނުގައި ވެކްސިނާއި، ސިއްހީ އާލަތްތަކާއި، ލެބޯޓްރީ އާލަތްތައް ރައްކާކުރުމުގެ ޖާގަ ގާއިމު ކޮށްފައިވާއިރު އޭގެ އިތުރުން، ވެކްސިން ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތަށް، 7 ލޯންޗާއި، 2 ރެފްރިޖެރޭޓަޑު ލޮރީ، އަދި 2 ވޭން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު