އިބްރާހިމް ފަހީމް   27 ސެޕްޓެމްބަރު 2022 - 20:43
ރާއްޖޭގެ ކޯވިޑް ވެކްސިން ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، އޭޝިއަން ޑިވެލޮޕްމަންޓު ބޭންކު، (އޭޑީބީ) އިން 10 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ދީފިއެވެ.

އޭޑީބީން މިފަހަރު ދިން އެހީއަކީ އޭޑީބީގެ އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީގެ ދަށުން ވެކްސިން ރައްކާކުރާ ފެސިލިޓީތައް ގާއިމްކުރުމަށާއި، ވެކްސިން ޖެހުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ދިން އެހީއެކެވެ.

އެގޮތުން، މިފަހަރު އެހީއާއެކު ވެކްސިން ޖެހުމުގެ މަސައްކަތް ހަރުދަނާކޮށް، ބޫސްޓަރ ޑޯސް ޖެހުމާއި، ކުޑަކުދިންގެ ގަޔަށް ކޯވިޑު ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް އެހީތެރިވެވޭނެ ކަމަށާއި އަދި ވެކްސިން ރައްކާކުރުމަށް ކޯލްޑް ސްޓޯރޭޖްތައް ގާއިމްކުރުމާއި، ޑެލިވަރީ އަދި މޮނިޓަރިންގެ މަސައްކަތަށްވެސް މި އެހީއިން ކުރިއެރުންތަކެއް ލިބިގެން ދާނެކަމަށް އޭޑީބީން ބުނެއެވެ.

މި އެހީގެ ދަށުން ހުޅުމާލޭގައި އިއާދަކުރަނިވި ހަކަތައިން އޮޕަރޭޓްކުރާ ސެންޓްރަލް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ތަނުގައި ވެކްސިނާއި، ސިއްހީ އާލަތްތަކާއި، ލެބޯޓްރީ އާލަތްތައް ރައްކާކުރުމުގެ ޖާގަ ގާއިމު ކޮށްފައިވާއިރު އޭގެ އިތުރުން، ވެކްސިން ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތަށް، 7 ލޯންޗާއި، 2 ރެފްރިޖެރޭޓަޑު ލޮރީ، އަދި 2 ވޭން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މި އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރެވެ.



ކިޔުންތެރިންގެ ހިޔާލު