ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ބަނގުރާފުޅިއެއް އަތްޕުޅަށް ނަންގަވައިގެން ހުންނަވާ ފޮޓޯއެއް އާންމު ކުރައްވައިފިއެވެ.

ޝަމީމްގެ އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި އާންމު ކުރައްވާފައިވަނީ، މަރަނީ ބްރޭންޑުގެ ބަނގުރާ ފުޅިއެއް އަތްޕުޅުން ހިއްޕަވައިގެން ނަންގަވާފައިވާ ފޮޓޯއެކެވެ. އަދި އެ ސްޓޯރީގައި "ވެލްކަމް ޓު ޖޯޖިއާ" މިހެން ލިޔުއްވާފައިވެއެވެ.

ޝަމީމް ޖޯޖިއާއަށް ވަޑައިގެން އުޅުއްވަނީ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސެކިއުޓަރސް ގެ 27 ވަނަ ޖެނެރަލް އެނުއަލް ކޮންފަރެންސަށެވެ. އިންސްޓަގްރާމްގައި ޝަމީމް ހިއްސާކުރެއްވި ރާފުޅިއަކީ އެ ކޮންފަރެންސަށް ހާއްސަކޮށް ބަންދުކޮށްފައިވާ ރެޑް ވައިން ފުޅިއެކެވެ.

މިކަމާއި ގުޅިގެން ޝަމީމް ބައެއް މީޑިއާތަކަށް ވިދާޅުވީ، އޭނާގެ އިންސްޓަގްރާމަކީ އޭނާގެ އަމިއްލަ ޕްރައިވެޓް އެއްޗެއް ކަމަށާއި އެއީ ޕަބްލިކް އެކައުންޓެއް ނޫން ކަމަށެވެ. އަދި އެކަން ޕްރައިވެޓް ކަމެއްގެ ގޮތުގައި ބާއްވަން ބޭނުންވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެފުޅިއަކީ ކޮންފަރެންސަށް ވަޑައިގެންނެވި ފަރާތްތަކަށް އެގައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލް ދެއްވި ހަދިޔާއެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ބަނގުރަލަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ އެއްޗެކެވެ. އެފަދަ އެއްޗެއް ޕްރޮމޯޓު ވެދާނެފަދަ ގޮތަކަށް އެކަން ކުރެއްވުމުން ޕީޖީ ޝަމީމަށް ގިނަބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އަދި އެ މަގާމަށް އޭނާ ކުފޫހަމަ ނުވާކަމަށް ވެސް ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު