ފާއިތުވެދިޔަ ހަފްތާގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 38 މީހުން ކަމަށް ހެލްތް ޕްރޮޓަކްޝަން އޭޖެންސީ އެޗްޕީއޭއިން މިއަދު ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ވަނީ 18 ސެޕްޓެމްބަރުން ފެށިގެން 24 ސެޕްޓެމްބަރުގެ ކޮވިޑުގެ ތަފާސްހިސާބުތައް ހާމަކޮށްފައެވެ. އެގޮތުން ހުސްވި ހަފުތާގައި ކޮވިޑަށް ފައްސިވި 38 މީހުންގެ ތެރެއިން 17 މީހުންނަކީ މާލެ ސަރަހައްދުން ފައްސިވި މީހުން ކަމަށް އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. ވޭތުވެދިޔަ ހަފްތާގައި އަތޮޅުތަކުން އެއްވެސް ރަށަކުން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެއް ނުވެއެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރިސޯޓްތަކާއި، ސިނާއީ ރަށްތަކުން ވޭތުވެދިޔަ ހަފްތާގައި ފައްސިވެފައިވަނީ 21 މީހުންނެވެ.



ކޮވިޑްގެ ސަބަބުން މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދަނީ 3 މީހުންނަށް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ވޭތުވެދިޔަ ހަފްތާގެ ކުރީ ހަފްތާގައިވެސް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 38 މީހުންނެވެ. އެހަފްތާގައި ހޮސްޕިޓަލުގައި އެޑްމިޓްކުރެވި ފަރުވާދެވިފައިވަނީ އެންމެ މީހަކަށެވެ.

ކޮވިޑްގެ ތަފާސްހިސާބުތައް އެޗްޕީއޭއިން މިހާރު އިއުލާނުކުރަނީ ކޮންމެ ހަފްތާއަކު އެއްފަހަރުއެވެ.



ކިޔުންތެރިންގެ ހިޔާލު