ތަފާތު ކުރުމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ވެވަޑައިގެންނެވި ވައުދު ދަނީ ފުއްދެމުންކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ ތިލަދުންމަތީގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހދ.ނާވައިދޫއަށް ވަޑައިގެން އެ ރަށުގެ ފެނުގެ ނިޒާމް އިފްތިތާޙުކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސާލީހު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނެތި ޚިދުމަތްތައް ދިނުމުގެ ވަޢުދާއިއެކު ކަމަށެވެ. އަަދި އެ ވަޢުދުތައް ފުއްދެމުންދާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ވީ އެންމެ ބޮޑު ވައުދަކީ ތަފާތުނުކުރުން. އެއްވެސް ރައްޔިތަކު ތަފާތުނުކޮށް ހަމަހަމަކަމާއެކީގައި ހިދުމަތްތައް ފޯރުކޮށްދިނުން. އެ މީހަކު ނިސްބަތްވާ ސަރަހައްދަކަށް ނުބަލާ ކޮންމެހެން އެންމެންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުން. އިރާދަކުރެއްވިއްޔާ އެ ބޮޑު ވައުދު އަޅުގަންމެން ފުއްދަމުންދާނަން." ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ނައިވާދޫގެ ރައްޔިތުންނަށް ޒަމާނުއްސުރެ ދިމާވެފައި އޮތް ސާފު ބޯފެނުގެ ދަތިކަމުގެ މައްސަލައަކީ އެކަމުގެ ޙައްލަކަށް ރައްޔިތުން އެދިއެދި ތިބި ކަމަކަށް ވާއިރު، މިއަދު އެ ޚިދުމަތް ފެށިގެން ދިޔުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް އޮތުމަކީ، އެއީ އަސާސީ ހައްޤެއް ކަމަށާއި، އެއީ ވަޢުދެއްގެ ގޮތުގައި ހަމައެކަނި މެނިފެސްޓޯގައި ހިމަނަންޖެހޭ ވަރަށްވުރެ ވެސް މާ މުހިއްމު ކަމެއްކަމަށެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ޤާއިމްކޮށްދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ވަޢުދެވެ.



ކިޔުންތެރިންގެ ހިޔާލު