ހދ.ނައިވާދޫގައި ރައްކާތެރި ސާފުފެން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.

ނާވައިދޫ ފެނުގެ ނިޒާމު ރައީސުލްޖުމްހުރިއްޔާ އިފްތިތާހުކޮށްދެއްވީ އެމަނިކުފާނު މިހާރު ތިލަދުންމަތީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ނާވައިދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައެވެ. އެގޮތުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ރަށުގެ ކުދި ބޮޑު ގިނަ ބަޔަކު އެއްވިއެވެ.

ނާވައިދޫއަށް ވަޑައިގެން ރައީސުލްޖުމްހުރިއްޔާ ވަނީ އެރަށުގައި ސަރުކާރުން ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް އިފްތިތާޙުކޮށްދެއްވާފައެވެ.



ރައްކާތެރި ސާފުފެން ފޯރުކޮށްދިނުމަށް ނައިވާދޫގައި ހިންގި މަޝްރޫޢުގެ ދަށުން އާރުއޯ ޢިމާރާތާއި ޕްލާންތައް އިންސްޓޯލް ކުރުމާއި ފެން ރައްކާކުރުމަށްޓަކައި ބަހައްޓާ ތާނގީތައް ހަރުކޮށްފައިވެޢެވެ. މީގެއިތުރުން އެތާނގީތަކަަށް ކަނެކްޝަން ގުޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު ގެތަކަށް ފެން ފޯރުކޮށްދިނުމަށް ބޭނުންވާ މީޓަރުތައްވެސް ވަނީ ގުޅާފައެވެ.

މި މަޝްރޫޢުގެ ދަށުން 5000 މީޓަރުގެ ފެނުގެ ނެޓްވޯކެއް އެރަށުުގައި ވަނީ އަޅާފައެވެ.

ނާވައިދޫ ފެނުގެ ނިޒާމު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭންނިގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމްއާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު