ތާރު އަޅައިގެން އަމީނީ މަގު ހެދުމުގެ ތެރެއިން އެ މަގުގައި ހުރި ގަސްތައް ކަނޑާލުން ހުއްޓާނުލާ ކުރިއަށްގެންދާނަމަ އެކަން ހުއްޓުވަން ކޯޓަށް ދާންޖެހިދާނެކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

މިދިޔަ އޮގަސްޓުމަހުން ފެށިގެން އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރާއިރު ގަސްތައް ކަނޑާ މައްސަލައިގައި ރައީސް ނަޝީދު މީގެކުރިންވެސް ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އެގޮތުން ނަޝީދު ވަނީ ގަސް ކަނޑާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެ ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދާއި މާލޭގެ އާއްމުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަނަމަވެސް އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ދިޔައީ ގަސް ކަނޑަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އަނެއްކާވެސް އެކަންބޮޑުވުން ތަކުރާރުކުރައްވާފައެވެ. އަދި ގަސް ކެނޑުމުގެ މައްސަލައަށް ސަރުކާރުން ހައްލެއް ނުހޯއްދަވާނަމަ އަމިއްލަ ހައިސިއްޔަތުން ކޯޓަށް ދާންޖެހިދާނެކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވިއެވެ.

"އަޅުގަނޑު އުއްމީދު ކުރަން އެ ކުންފުނިންނާއި ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން މިކަމާއި އިތުރު ވިސްނުމަކަށް ވަޑައިގަންނަވާނެ ކަމަށް. އެހެން ނޫންނަމަ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޝަރީއަތަށް ވަޑައިގަތުން ނޫން ގޮތެއް ނެތް." މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހް ކުރީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.

މިމަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ. މަޝްރޫއުގެ އަގަކީ 84 މިލިއަން ރުފިޔާއެވެ.

އާރުޑީސީން މަސައްކަތް ކުރަމުންދަނީ 7 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލުމަށެވެ.



ކިޔުންތެރިންގެ ހިޔާލު