މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެ ކެޕޭސިޓީ އެއް ސަރުކާރުގައި ނެތް ކަަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މަސްވެރިން ބާނާ ހުރިހާ މަހެއް ނުގަނެވެނީ އެ ހުރިހާ މަހެއް ގަތުމަށް ބޭނުންވާ މިންވަރަށް ފެސިލިޓީ ގާއިމްވެފައިނުވާތީ ކަމަށެވެ. މިނިސްޓަރު ޑރ.ހުސައިން ވިދާޅުވީ މަސް ނުގަނެވުމަކީ ރާއްޖޭގައި އަލަށް ދިމާވާ ކަމެއް ނޫން ކަމަށެެވެ.

އެގޮތުން މަސްވެރިކަން ރަނގަޅުވެ މަސް ގަންނަ ކުންފުނިތަކަށް ގަނެވޭ ވަރަށްވުރެ ގިނައިން މަސް ބާނާ އައިސް ނުލިބި މަސް ވިއްކުމަށް ގިނަ ވަގުތު ކިއުގައި ހޭދަވެ މަސް ކުނިވެ ކުނިވެފައިވާ މަސް ގަނެ އުކާލާފައި އެބަހުރި ކަމަށާއި މަސްވެރިކަމުގެ ތާރިޚު އެކަަމަށް ހެކިވާނެ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުން ފެށިގެން އެޕްރީލް މަހާއި ދޭތެރޭ ހިނގާ 7 މަސް ދުވަހުގެ މުއްދަތަކީ އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ކަމަށެވެ. އަދި އަހަރުގެ ބާކީ ހުރި ދުވަސްވަރުގައި މަސް ނުގަތުމުގެ މައްސަލަ ކުރިމަތިނުވާނެ ކަމަށްވެސް މިނިސްޓަރ ފާހަަގަކުރެއްވިއެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ.ހުސައިން ވިދާޅުވީ ސައުދީ ފަންޑުގެ ލޯނުގެ ދަށުން ކޫއްޑޫގައި އިތުރު ހަތަރުހާސް ޓަނު އަދި ގދ. ތިނަދޫގައި އެއްހާސް ޓަނު، މ.މުލަކުގައި ފައްސަތޭކަ ޓަނުގެ ކޯލްޑް ސްޓޯރޭޖް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެ ޕޮރެޖެކްޓް ނިމުމުން މަސްވެރިންނަށް ދިމާވެފައިވާ މައްސަަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު