ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ފެށުމާއެކު އެ ސަރަހައްދަށް އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވެފައިވާ ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ހިންގަން ނިންމާފައިވާ ބޮޑު މަޝްރޫއުގައި ސޮއިކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެއާޕޯޓުގެ ބޮޑު ބައެއް މި ވެރިކަމުގައި ނިންމާލެވޭނެ ކަމަށެވެ. މި އެއާޕޯޓް އަޅަން ފެށުމުން އެސަރަހައްދަށް އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވެފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އެއާޕޯޓް އިންޑިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަދާނެ ވާހަކަ، މިއީ ވާނެ ކަމެއްކަމަށް މީހުންނަށް ގަބޫލުކުރެވެން ފެށި ހިސާބުން މިހާރުވެސް އަޅުގަނޑުމެންނަށް ބޮޑު ތިލަދުންމަތީގެ ޓޫރިޒަމާއި ދޭތެރޭގައި އިންވެސްޓަރުން ޝައުގުވެރިވާ ކަން އިތުރުވާތަން އެބަފެނޭ. އަދިވެސް ޔަގީން ނުވަނީ ކަންނޭގޭ މިކަން ވާނެތޯ ނޫންތޯ. އަޅުގަނޑަށް ހީވަނީ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި މިތަނުގަައި ސީދާ އަމަލީ މަސައްކަތް ފެށިގެންދިޔައީމަ ދެން އިތުރަށް ބަދަލެއް ކޮށްލެވޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެެއް ނުކުރެވޭ." ފައްޔާޒު ވިދާޅުވިއެވެެ.

އިތުރަށް ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުން ފަދަ ބޮޑެތި ޕްރޮޖެކްޓްތައް ލޯނު ނަގައިގެން ވެސް ކުރަންޖެހޭ ކަމަށެވެ. ސަރުކާރުން ލޯނު ނަގައިގެން ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގަނީ ދިވެހިންނަށް އަމިއްލަ ވަޒަނުގައި ތިބެ އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ދަރަނި ނަގައިގެން ވެސް މިކަން އެބަ ކުރަންޖެހޭ. ކީއްވެތޯ ބައެއް ބޭފުޅުން ވިދާޅުވާނެ މިއަދު ދަރަނި ނަގައިގެން އަޅުގަނޑުމެންގެ ޅަ ދަރިންގެ ބޮލުގައި ދަރަނި އެޅެނީއޭ. ރަނގަޅު ވާހަކައެއް އެ ދަރީންގެ ބޮލުގަައި ދަރަނި ނޭޅި އަޅުގަނޑުމެން މިއަދު މިކަން ނުކޮށްފިއްޔާ އަނެއްކާވެސް އެކުދިން ޖެހޭނީ މާލެއަށް އައިސް ގެއެއްގައި ގުލާނުކުރަން އެކުދިންގެ މުޅި އުމުރުދާނީ،" ފައްޔާޒު ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ އިންޑިިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެެވެ. ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ހަވާލުކޮށްފައިވަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާ އިންޑިއާގެ ޖޭއެމްސީ ކުންފުންޏާއި އެވެެ.



ކިޔުންތެރިންގެ ހިޔާލު