ނޫސްވެރިން ލިޔާ ލިޔުންތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭގޮތަށް އޮތް މާއްދާއަށް ގެންނަ އިސްލާހުތައް އާންމު ކޮށްފިއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ހެއްކާއިބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި، މޯލްޑިވްސް އެޑިޓާސް ގިލްޑް އާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މިހާރު ތައްޔާރު ކޮށްފައިވާ ކަމަށެވެ.

އެ އޮފީހުން ބުނީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތަކާއި، ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން އެ އިސްލާހުގައި ތަފްސީލް ކޮށްދީފައިވާނެ ކަމަށެވެ.

އެގޮތުން ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ދިވެހިރާއްޖޭގެ ސިޔާދަތާ އިސްތިގުލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ އަމަލުތައް އެކުލެވޭ ކުށްތައް ކަމާއި، ޓެރަރިޒަމްގެ ކުށްތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތައް ކަމަށް ކަނޑައެޅުމަށް އިސްލާހުގައި ހިމަނާފައިވެއެވެ.

މީގެ އިތުރަށް ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމުގައި ކޯޓުން ރިއާޔަތް ކުރަންޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށާއި، އެފަދަ ނިންމުމެއް ނިންމާނީ ހައިކޯޓުން ކުރާ އަމުރެއްގެ ދަށުންކަމަށް ކަނޑައެޅުމަށްވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ.

މި އިސްލާހުތައް ގެންނަން ހުށަހަޅަން ތައްޔާރު ވެފައި މިވަނީ، އެ ގާނޫނު އިސްލާހު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނިކޮށެވެ.

އޭޖީ އޮފީހުން ބުނީ، މިއަންނަ ހަފްތާތެރޭ އެ އިސްލާހުތައް މަޖިލީހަށް ހުށަހެޅޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު