ޗައިނާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތައް އަވަސްކުރުމަށް މަސައްކަތްކުރަމުންދާކަމަށް ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާން ލިޖިން ވިދާޅުވެއްޖެއެވެ.

ޗައިނާއިން ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންދާއިރު ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޗައިނާ ސަފީރު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްރޮޖެކްޓާއި، މައިކްރޯ-ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްރޮޖެކްޓާއި، އެހެނިހެން މަޝްރޫއުތައްވެސް އަވަސްކުރަން މަސައްކަތްކުރަމުންދާކަމަށެވެ.

ސަފީރު ވިދާޅުވީ މިހާރު ހިނގަމުންދާ ޕްރޮޖެކްޓުތައް ވީހާވެސް އަވަހަށް ނިންމައި އިފްތިތާހުކުރަން ޗައިނާގެ ސަރުކާރުން މަސައްކަތް ކުރާއިރު، އިތުރު ދާއިރާތަކުންވެސް ގުޅުން ބަދަހިކުރަން އުންމީދުކުރައްވާކަމަށެވެ.

ސަފީރު ވިދާޅުވީ ސިއްހަތާއި، ތިމާވެށި ހިމާޔަތްކުރުން، ނޫ އިގްތިސާދު އަދި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކޮށް ރާއްޖޭގެ އިގްތިސާދު ސިންދިފާތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ޗައިނާއިން އެހީވާނެކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ ގައުމީ އަދި ސަރަހައްދީ އިސްތިގުލާލު ހިމާޔަތްކުރުމަށާއި މިނިވަން ހާރިޖީ ސިޔާސަތެއް ގެންގުޅުމަށް ޗައިނާއިން އެއްބާރުލުން ދޭނެކަމަށެވެ. އަދި ވަން ޗައިނާ ޕޮލިސީ ދިވެހި ސަރުކާރުން ބަލައިގަނެ ޗައިނާގެ އެންމެ މުހިންމު މަސްލަހަތު ހިމާޔަތް ކުރަން ރާއްޖެއިން އެއްބާރުލުން ދޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ޗައިނާ ސަފީރު ވިދާޅުވިއެވެެ.

ޗައިނާ ސަފީރުގެ ވާހަކަފުޅުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކުރި ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ރިވިއު ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާއިރު އެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާލުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ މިއަހަރު 50 އަހަރު ފުރުނޭއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން