އިބްރާހިމް ފަހީމް   24 ސެޕްޓެމްބަރު 2022 - 23:39
ޗައިނާއާއި ރާއްޖެއާއި ދެމެދު އަނެއްކާވެސް ވައިގެ ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ދުނިޔެއަށް ދިމާވި ކޮވިޑު19 ގެ އާލަމީ ވަބާއާއި ގުޅިގެން ރާއްޖެއާއި ޗައިނާއާއި ދެމެދު ކުރަމުން ދިޔަ ވައިގެ ދަތުރުތައް މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އޮތީ މެދުކަނޑާލާފައެވެ. އެހެންކަމުން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެ ގައުމުގެ ފަތުރުވެރިންނަށް ރާއްޖެ އައުމުގައި ބޮޑެތި ހުރަސްތަކެއް މިހާރުވެސް އެބައޮތެވެ.

ނަމަވެސް، ދެ ގައުމުގެ މެދުގައި ދަތުރުތައް ފަށަން ތައްޔާރުވަމުން ދާކަން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު މިއަދު ވަނީ އިއުލާނު ކުރައްވާފައެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވާންގް ލިޖިން ވިދާޅުވީ، ޗައިނާގެ ފަތުރުވެރިން ތިބީ ރާއްޖެ އައުމަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ. އަދި ޗައިނާގެ ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އަންނައިރު ވަރަށް އަވަހަށް ޗައިނާއާއި ރާއްޖެއާ ދެމެދު ދަތުރުތައް ފެށިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

އަދި އޮން އެރައިވަލް ވިސާ ލިބޭނެ އިންތިޒާމް ރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ ދެމެދުގައި ހަމަޖައްސާފައި އޮތް އޮތުމަކީ ދެގައުމުގެ ދެމެދުގައި އަލުން ދަތުރުތައް ފެށުމުން ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ މުހިންމު ސަބަބެއްކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން މީގެ ކުރިން ޕީއެސްއެމް ނިއުސްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވީ، ޗައިނާ ފަތުރުވެރިން ތިބީ ރާއްޖެ އަންނަހިތުން ކެތްމަދުވެފައި ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ނިންމާލުމުގެ ކުރިން ޗައިނާގެ ފަތުރުވެރިން ކޮންމެވެސް ވަރަކަށް ރާއްޖެ އަންނާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

ކޮވިޑުގެ ކުރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 284،029 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން