އަޅުގަނޑުމެންނަށް ކުރިމަތިވާ އާދަޔާ ޚިލާފު ވަގުތުތަކާއި ކުރިމަތިލާން ޖެހޭނީ އާދަޔާ ހިލާފު ލީޑަރޝިޕަކާއެކުކަމަށް ރާއްޖެގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އދގެ 77 ވަނަ އާއްމު މަޖިލީހުގެ ތަގްރީރު ކުރައްވަމުންނެވެ.

ޝާހިދުގެ ތަގްރީރުގައި ވިދާޅުވީ އަޅުގަނޑުމެންނަށް ކުރިމަތިވާ މި އާދަޔާ ޚިލާފު ވަގުތުތަކާ ކުރިމަތިލާން ޖެހޭނީ އާދަޔާ ހިލާފު ހިތްވަރަކާއި، ތަޞައްވުރަކާއި، އުއްމީދަކާއި އާދަޔާ ހިލާފު ލީޑަރޝިޕަކާއެކުކަމަށެވެ.

" އަޅުގަނޑުމެންނާ ކުރިމަތިވާ އާދަޔާ ޚިލާފު ވަގުތުތައް، އާދަޔާ ޚިލާފު ހިތްވަރަކާއެކު ބައްދަލުކުރަންޖެހޭނެ. އާދަޔާ ޚިލާފު ތަޞައްވުރަކާއެކު. އާދަޔާ ޚިލާފު ޢަޒުމަކާއެކު، އަދި އާދަޔާ ޚިލާފު ލީޑަރޝިޕަކާއެކު. އަޅުގަނޑުމެން ކުރިއަށް ބަލައިލާއިރުގައި، އަޅުގަނޑުމެންގެ ކުރިމަތީގައި ހުރި މަސައްކަތްތަކަކީ، ވަރަށް އުނދަގޫ މަސައްކަތްތަކެއް ގޮތުގައި ފެނިދާނެ. އެއީ މީޒާނުގައި އިންތިހާއަށް ގިނަ އަދި ވަށަމިން ނޭގޭހާ ފުޅާ ކަންކަންހެން ސިފަވެދާނެ.

ޝާހިދު ވިދާޅުވީ ބޮޑެތި މައްސަލަތަކަކީ އެއްވެސް ޤައުމަކަށް އަމިއްލައަށް އެކަނި ނުއުފުލޭ ވަރުގެ ބޮޑު ބުރަ މަސައްކަތެއްކަމަށެވެ. ނަމަވެސް އަޅުގަނޑުމެން އެންމެން ގުޅިގެން މި ގޮންޖެހުންތަކާ ކުރިމަތިލެވޭނެކަމަށް ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެން އެއްބައިވެއްޖެނަމަ، އިންސާނިއްޔަތަށް ފާގަތި މުސްތަޤްބަލެއް ހޯދުމަށް ބޭނުންވާ ވަސީލަތްތަކާއި، ތަސައްވަރާއި، ބާރު އަޅުގަނޑުމެންގެ ކިބައިގައި އެބަހުރި. އަދި، އެ މަޤުޞަދަށް ވާސިލުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ހިމެނޭ ޤައުމުތަކާއި އެކު ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން" ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި ރާއްޖެއިން އިސްކަންދޭ ކަންކަމުގެ ތެރެއިން މިންތީގެ ހަމަހަމަކަމަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ އެތައް ގަރުނެއް ފާއިތުވެފައި ވަނީ އަންހެނުން ކުރާ މަސައްކަތުގެ އަގު ވަޒަން ނުކޮށްކަމަށާއި އެމީހުންގެ އަޑުވަނީ ކަނޑުވާލާފައިކަމަށެޗެ.

"މި ބޭއިންސާފު އިތުރަށް ކުރިއަށް ގެންދެވިގެން ނުވާނެ! މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަޅުގަނޑުމެންނަށް ޙައްލެއް ނުގެނެވޭނެ، އިންސާނިއްޔަތުގެ ދެބައިކުޅަ އެއްބައި، އޭގެ ފުރިހަމަ ޤާބިލުކަމުން މަޙްރޫމް ކޮށްގެނެއް! މޭޒުދޮށުގައި އަންހެނުންނަށްވެސް ހަމަހަމަ ގޮނޑިއެއް ހައްގު'" ޝާހިދު ވިދާޅުވިއެވެ.

އެންމެންގެ ސަލާމަތާއި، ރައްކާތެރިކަމާއި އަދި ސުލްހައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މުޅި ދުނިޔެ އެކަތިގަނޑަކަށްވުން މުހިއްމުކަމަށްވެސް ޝާހިދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެގޮތުން ވޭތުވެދިޔަ 77 އަހަރުގެ ތެރޭގައި، ވަރަށް ބުރަ މަސައްކަތުން ބިނާކޮށްފައިވާ މަލްޓިލޭޓަރަލް ނިޒާމަށް އުނިކަން އަންނަ ގޮތަށް، ބައިނަލްއަޤްވާމީ މިންގަނޑުތަކާ ޚިލާފަށް ހިނގާ ޢަމަލުތަކާއި، އެފަދަ ހަމަނުޖެހުންތައް ހުއްޓުވަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.

"ޔޫކްރެއިންގެ އެފްޣާނިސްތާން، މިޔަންމާއާއި އަދި އެހެނިހެން ބައެއް ޤައުމުތަކުގެ ރައްޔިތުން ވަނީ ހަމަނުޖެހުންތަކާއި ލޭ އޮހޮރުވުންތަކުގެ ތެރެއަށް ވެއްޓިފައި! މި ހިނަގުމްދާ ހިތާމަވެރި ހާދިސާތަކަށް ނިމުމެއް ގެނެސް، އެމީހުންނަށް ދިރިއުޅުން އާރާސްތުކުރުމުގެ ހައްގު ލިބެންޖެހޭ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށްވެސް އެ ޙައްޤު ލިބިދޭންޖެހޭ! މިގޮތުން، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުގެ މައްޗަށް ބިނާވެފައިވާ ދެ ދައުލަތުގެ ހައްލަށް އިޚްތިރާމްކޮށް، ފަލަސްޠީނުގެ ވެރިރަށް ކަމުގައި އިރުމަތީ ގުދުސް އޮތުމަކީ، ދާއިމީ ޞުލްޙައަކަށް އޮތް ހަމައެކަނި މާނަވީ ޙައްލުކަމުގައި ދިވެހިރާއްޖެއިން ދެކެން" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިޒަމާނުގައި ހުރި މައްސަލަތަކަކީ ވަރަށް ހައްސާސް މައްސަލަތަކެއްކަމަށެވެ. އަދި އާ ގޮންޖެހުންތަކަށް ކުރީގެ ހައްލުތަކަކުން ފަރުވާ ހޯދިދާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މަލްޓިލޭޓަރަލް ނިޒާމު އިޞްލާޙުކުރަން ކޮންމެހެންވެސް ޖެހިފައިވާކަމަށާއި ކުރިއަށްއޮތް ތަނުގައި، ކުރިމަތިވާނެ ގޮންޖެހުންތަކާއި ކުރިމަތިލުމަށް ޤާބިލުވެ، ތައްޔާރުވާން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އދ އަށް ދިރުންގެނެސް އާލާކުރުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ އ.ދ.ގެ ސަލާމަތީ މަޖިލީސް އިޞްލާޙު ކުރުންކަމަށެވެ. މިއީ ދިވެހިރާއްޖެއިން އެތައް ޒަމާނެއް ވަންދެން ވަކާލާތު ކުރަމުން އަންނަ ކަމެއްކަމަށާއި ރާއްޖެއިން ތަކުރާރުކޮށް ގޮވާލާފައި މިވަނީ، ދާއިމީ ގޮނޑިއާއި ދާއިމީ ނޫން ގޮނޑިތަކުގެ އަދަދު ވެސް އިތުރުކުރުމަށްކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ޖެނެރަލް އެސެމްބްލީގެ ފުރިހަމަ ދައުރާއި، ބާރު އިތުރުކުރުމަށްވެސް ރާއްޖެއިން ތާއީދުކުރާކަމަށާއި މިގޮތުގެމަތިން، އެންމެފަހުން ފާސްކުރި ވީޓޯ ކުރުމުގެ ޤަރާރު ދިވެހިރާއްޖެއިން ބަލައިގަތީ ވަރަށް އުފަލާއިއެކު ކަމުގައި ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއަކީ ސައިޒުން ކިތަންމެ ކުޑަ ގައުމަކަށް ވިއަސް، ބައިނަލްއަޤްވާމީ މައިދާނުގައި އަދާކުރާ ދައުރު ކުޑަވެގެން ނުވާނެކަމަށް ދިވެހިރާއްޖެ އަބަދުވެސް ގަބޫލުކުރާކަމަށެވެ. އަދި ރާއްޖެއިން އުއްމީދުކުރަނީ މަލްޓިލޭޓަރަލް ރިފޯމްގައި މިހާރު ކުރަމުންދާ މަސައްކަތްތަކުން މިފަދަ ނަތީޖާއެއް ނުކުތުންކަމަށް ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން