ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އަގު ވެއްޓިގެންދިޔައީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ހެދި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ދުންޔާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ރޮޒައިނާ ދުންޔާއަށް މިފަދަ ބަހުގެ ހަމަލާތަކެއް ދެއްވީ ރާއްޖޭގެ ޑިޕްލޮމެސީ ވަނީ ނާށިގަނޑެއްގެ ދަށުގައި ތާށިވެފައިކަމަށާއި މިހާރު އެހެނިހެން ގައުމުތައް ރާއްޖެ ދެކެނީ ސަލާން ޖަހާ ގައުމެއްގެ ގޮތުގައި ކަމަށް ވިދާޅުވެ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ދެެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ދުންޔާ ފޮރިން މިނިސްޓަރު ކަމުގައި ހުންނަވައިގެންވަނީ ރާއްޖެއާއި އެހެނިހެން ގައުމުތަކާއި ދެމެދު އޮންނަ ގުޅުން ނެތިކޮށްފައިކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އަގު ވެއްޓިގެންދިޔައީ ދުންޔާ ފޮރިން މިނިސްޓަރުގެ ގޮތުގައި ހުންނެވި އިރު ކަމަށެވެ. އެހެން ނަމަވެސް މިއަދު ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ބެލުމުގެ ދަށުން ރާއްޖެއަށް މުޅި ދުނިޔެ ތައުރީފު ކުރަމުންދާކަމަށް ރޮޒައިނާ ވިދާޅުވިއެެވެ.

މީގެ އިތުރުން ރޮޒައިނާވަނީ ދުންޔާ އަދި އެކަމަނާގެ ކޮއްކޯފުޅު ޔުމްނާގެ ފަރާތުން ތަފާތުތަކެއް ފެނިގެންދާކަަމަށް ސިފަކުރައްވާފައެވެ. ދުންޔާއަށް ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވައިގެން ރާއްޖެއަށް ފައިދާތަކެއް ހޯއްދަވައިދެވިފައި ނުވާކަމަށް ރޮޒައިނާ ވިދާޅުވިއެެވެ. އެހެން ނަމަވެސް ރައީސް ސާލިހުގެ ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރގެ މަގާމުގައި ހުންނަވާ ޔުމްނާ ކުރައްވަމުންދަނީ ފަރަގުތަކެއް ފެނިގެންދާވަރުގެ މަސައްކަތްތަކެއްކަން ރޮޒައިނާ ވަނީ ފާހަގަ ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު