އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ރާއްޖެއަށް ކާމިޔާބުވެއްޖެނަމަ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާއިބެހޭ ބަހުސްތަކުގައި މޫސުމީ ބަދަލުތަކުގެ މައްސަލަތަކަށް އިސްކަންދެއްވާނެކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު މިހެން ވިދާޅުވީ އދގެ 77 ވަނަ އާއްމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ތަގްރީރު ކުރައްވަމުންނެވެ.

ޝާހިދުގެ ތަގްރީރުގައި ވިދާޅުވީ ރާއްޖެއިން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރަން 5 ދާއިރާއެއް އެބައޮތްކަމަށެވެ. އެއީ މޫސުމީ ބަދަލުތަކުން ކުރިމަތިވާ މައްސަލަތައް، އަތްފޯރާ ފަށުގައި މާލީ އެހީތެރިކަން، މިންތީގެ ހަމަހަމަކަން، ސުލްހައާއި ރައްކާތެރިކަން އަދި އދ މަލްޓިލެޓަރިޒަމް ހަރުދަނާކޮށް، އދ ރީފޯމްކުރުމެވެ.

މޫސުމީ ބަދަލުތަކުން ކުރިމަތިވާ މައްސަލަތަކަށް އަލިއަޅުއްވާލައްވައި ޝާހިދު ވިދާޅުވީ ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް މިއީ ވަރަށް ނުރައްކާތެރި މައްސަލައެއްކަމަށެވެ. އަދި މިއީ ރާއްޖެ އޮތުމާއި ނެތިދިއުން ބިނާވެފައިވާ މައްސަލައެއްކަން ޝާހިދު ފާހަގަކުރެއްވިއެވެ.



ޝާހިދު ވިދާޅުވީ މޫސުމީ މައްސަލަތަކަށް ދުނިޔެ ހޭލުންތެރިކޮށް، އެކަމަށް އަޑު އުފުލުމުގައި ރާއްޖެ އެންމެ ކުރީ ސަފުގައި ދެމި އޮންނާނެކަމަށެވެ. އަދި އެއީ އިންސާނީ ހައްގެއްގެ ގޮތުގައި ރާއްޖެއިން ވަކާލާތުކުރާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއިން 2023 އިން 2025 އަށް ކުރިއަށްދާ ދައުރުގައި، އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިއަކަށް ވާދަކުރަން ނިންމާފައިވާކަމަށެވެ. އަދި އެ ގޮނޑި ކާމިޔާބުވެއްޖެނަމަ އިންސާނީ ހައްގުތަކާއި ބެހޭ މުހިއްމު މަސައްކަތްތަކުގައި މޫސުމީ ބަދަލުތަކުގެ މައްސަލަތަކަށް އިސްކަންދެއްވާނެކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން އެ ގޮނޑިއަށް ރާއްޖެ އިންތިހާބުކޮށްދެއްވުމަށް ޝާހިދު އެދިވަޑައިގެންނެވިއެވެ.

"ރާއްޖެއިން މިސާލު ދައްކާނެ. ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ގޮތަށް ކުދި ޖަޒީރާ ގައުމުތަކުގެ ހިއްސާ އޮތީ ވަރަށްވެސް ކުޑަކޮށް. ނަމަވެސް އެކަމުގެ ސަބަބުން އެންމެ ފުރަތަމަވެސް ނުރައްކަލާއި ކުރިމަތިލާންޖެހެނީ އަޅުގަންމެން (ކުދި ޖަޒީރާތައް). އަނެއްކޮޅުން މޫސުމީ މައްސަލަތައް ހައްލުކުރުމަށް އެންމެ ވަރުގަދަ އަޒުމަކާއެކު މަސައްކަތް ކުރަނީވެސް އަޅުގަނޑުމެން." ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި ތިމާވެށީގެ މައްސަލަތަކާއި މޫސުމީ ބަދަލުތަކުން ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ވަރަށް ތަފްސީލީ ގޮތެއްގައި ވިދާޅުވެދެއްވިއެވެ. އަދި ގައުމުތަކުން ގުޅިގެން ދުނިޔޭގެ ރައްކާތެރިކަމަށް މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި މޫސުމީ މައްސަލަތައް ހައްލުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ވައުދުވެފައިވާ މިންވަރުތަކާއި ގާތަށްވެސް އެހީ ނުލިބޭކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތްކުރަންޖެހޭކަން ޝާހިދު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު