ހދ. ހަނިމާދޫ އިންޓަނޭޝަން އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މާދަމާ ސޮއިކުރަން ހަމަޖެހިއްޖެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާރޭ މީރުމާ ބިލްޑިންގައެވެ.

މިރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްއާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ ކަމަށެވެ.

މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް 320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދެވޭނެ ކަމަށާއި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މި ޕްރޮޖެކްޓަކީ އިންޑިއާގެ އެގްޒިމް ބެންކާއި ރާއްޖެއާ ދެމެދު 2019 ވަނަ އަހަރު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. ސަރުކާރުން ބުނީ އަމާޒަކީ 2024 ވަނަ އަހަރު ނިމެންވާއިރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އެކްސްޕޭންޝަން މަސައްކަތް ނިންމާލުން ކަމަށެވެ.

އެއާޕޯޓްގެ އެއްބަސްވުމުގައި އާދީއްތަ ދުވަހުގެރޭ ސޮއިކުރުމަށްފަހު މަދު ދުވަސްތަކެއްގެ ތެރޭގައި އަމަލީ މަސައްކަތް ފެށި އެއާޕޯޓަށް ބޭނުންވާ ވަސީލަތްތައް ޤާއިމް ކުރެވިގެންދާނެއެވެ.

އެއާޕޯޓްގެ މަސައްކަތް ނިމިގެންދާއިރު، އިންޓަރ ނޭޝަނަލް އެއާޕޯޓް ވެގެންދަނީ އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަ ވެފައިވާ ފުރިހަމަ އެއާޕޯޓަކަށް ކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު