އަހުމަދު މަސްނޫމް   24 ސެޕްޓެމްބަރު 2022 - 9:9
ސަރުކާރުން ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކު، އާރުޓީއެލްގެ ޙިދުމަތްތަކާއެކު ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އާރުޓީއެލްގެ ޚިދުމަތަކީ ދަތުރުފަތުރުގެ އަވަސް ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ސަރުކާރުން މިދިޔަ ޖޫންމަހު ފެށި މަސައްކަތެކެވެ. އެގޮތުން ހއ، ހދ. އަދި ށ އަތޮޅުގައި މި ހިދުމަތް ވަނީ ފަށާފައެވެ.

އެމްޓިސީސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އާރުޓީއެލް ފެރީގެ ހިދުމަތާއެކު ވަޒީފާގެ އެތައް ދޮރެއް ވަނީ ހުޅުވިފައެވެ.

އެގޮތުން އެމްޓީސީސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިހާތަނަށް 308 ވަޒީފާ ވަނީ އުފައްދާފައެވެ. އޭގެތެރޭގައި ހިމެނެނީ އާރުޓީއެލް ފެރީގެ ޙިދުމަތް ( ހއ، ހދ، ށ) 85 ވަޒީފާ، އާރުޓީއެލް މިނީ ބަސް ( އައްޑޫ، ލާމު، ފުވައްމުލައް) 19 ވަޒީފާ، އާރުޓީއެލް ބަސް ( ގްރޭޓަރ މާލެ އޭރިއާ) 155 ވަޒީފާ އަދި އެޑްމިން/ ސަޕޯޓް 49 ވަޒީފާއެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓު ލިންކުގެ ދަށުން އުތުރު ސަރަހައްދުގައި ގާއިމުކޮށްފައިވާ އާރުޓީއެލް ފެރީ ނިޒާމުން މިހާތަނަށް ވަނީ 50 ހާހަށްވުރެ ގިނަ މީހުން ހިދުމަތް ހޯދާފައެވެ.

ޤައުމީ ފެރީ ނިޒާމު "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް ފަށާފައިވަނީ ޖޫންމަހުގެ 12 ވަނަ ދުވަހުއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކަކީ، ޖަޒީރާ ރާއްޖޭގެ ރަށްތައް ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް، ސަރުކާރުން މުޅިން އަލަށް ތަޢާރަފުކުރި ހައި ސްޕީޑް ފެރީ ނިޒާމެކެވެ. މި ނިޒާމުގައި ރާއްޖެ 6 ޒޯނަކަށް ބަހާލާފައިވެއެވެ.

މީގެތެރެއިން ޒޯން 1ގައި ހިމެނޭ ހއ. ހދ. އަދި ށ.އަތޮޅުގެ، މީހުން ދިރިއުޅޭ 41 ރަށް މި ނިޒާމުގެ ތެރެއިން ވަނީ ގުޅާލާފައެވެ. މީގެތެރޭގައި އަތޮޅުގެ ރަށްތަކާއި، އެއް އަތޮޅު އަނެއް އަތޮޅާ ދެމެދު ދަތުރުތައްވެސް ހިމެނެއެވެ.

އާރްޓީއެލްގެ ޚިދުމަތަށް 3 މަސް ދުވަސް ވެފައިވާއިރު، މިހާރު މި ޚިދުމަތަކީ ރައްޔިތުންނަށް ފުރިހަމައަށް ބަރޯސާވެވޭ ޚިދުމަތަކަށް ވަނީ ވެފައެވެ. މި ޚިދުމަތް މެދުނުކެނޑި ހަފްތާގެ ކޮންމެ ދުވަހަކުންވެސް އަންނަނީ ލިބެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު