ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައިނުވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެއެެވެ.

އެމްއެންޕީގެ ގައުމީ ފުރަތަމަ ކޮންގްރެސް ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ދަނގެތީ ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައިނުވާ ކަމަށެެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ބަދަލުގައި ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކޮށްފައިވަނީ ވަގުތީ ސިޔާސީ މަންފާ އިސްކޮށް އެމައްސަލައަށް ދާއިމީ ހައްލެއް ނުލިބޭފަދަ ގޮތަކަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ކޮންމެ ސަރުކާރަކުން ވެސް މިފެންނަނީ ގޯތި ދިނުމާއި ފުލެޓް ދިނުމާއި ދެފުށް ނުފެންނަ ވަގުތީ އެކި މިންގަނޑު ތަކަށް ހަދާ އެބަޔަކު ބޭނުންވާ ބަޔަކަށް ފަހިކޮށްދިނުމުގެ ސިޔާސަތު ކަން އަޅުގަނޑު ފާހަގަކޮށްލަން. ކޮބައިތޯ އޭގެ ނަތީޖާ އަކީ. މިއަދު ބަލާލަންޖެހޭ ނަތީޖާއަކީ ރައްޔިތުން ބިކަވަނީ އެތަކެއް މައްސަލަތަކެއް ބޮލުގައި އަޅަންޖެހި މުޅިރޭ ބޮލުގެ ރިހުމެއްގައި އޮންނަން މިޖެހެނީ. މިމަންޒަރު އެވެރިންނަކަަށް އަދި އެއް ނުއެއް ފެނޭ. އެކަމަކު އަޅުގަނޑުމެންނަށް އެމަންޒަރު އެބަފެނޭ އިވިއްޖެ, ގަބޫލު ކުރެވިއްޖެ. މި ޕާޓީގެ ސިޔާސަތު ބައްޓަންކުރާނީ މިމައްސަލައަށް ދެމެހެއްޓެނެވި ގޮތަކަށް ހައްލު ހޯދައިދިނުމަށް." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ ރައްޔިތުންނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކީ ފުދުންތެރިކަން ކުޑަވަމުންދާ މައްސަލަ ކަމަށެވެ. ފުދުންތެރި ރައްޔިތެއް އުފެެއްދުމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ކުރެވިފައިނުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. ރާއްޖޭގެ ގިނަ ރަށްތަކަށް ތަރައްގީ ގެނެވިފައި ނެތް ކަމަށާއި އެއީ މިއަދު ގަބޫލު ކުރަންޖެހޭ ހަގީގަތެއް ކަަމަށް ނާޒިމް ވިދާޅުވިއެވެ.

"އެކަށީގެންވާ އާމްދަނީ އެއް ހޯދޭނެ ގޮތެެއް ނެތް، ތަރައްގީ އަށް ބަލާއިރު ސިޓީތަކެއް އެބަހުރި ރާއްޖޭގެ އެކި ހިސާބުތަކުގައި. ނަމަވެސް މާގިނަ ފުރުސަތުތަކެއް ނެތި ހަމައެކަނި ސިޓީގެ ނަން ބޯޑް މިވަނީ އަޅުވާލާފަ. ކޮންމެ ބޮޑުކަމެއް ދިމާވުމުން އެކަމަށް ހައްލު ހޯދުމަށް މާލެ އަންނަން ޖެހޭ އުސޫލަށް މިވަނީ ކަންކަން ތަރުތީބު ކުރެވިފައި." ނާޒިމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ގޭންގުތަކުން ކުރާ ކުށްތައް ހުއްޓުވުމަށް މި ސަރުކާރުން ކުރި މަސައްކަތެއް ފެންނަން ނެތް ކަމަށާއި އޭގެ ނަތީޖާއެއް ވެސް ނެތް ކަމަށެެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން މިނިވަންވަމުންދާ ކަމަށާއި ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ މިންވަރު އިތުރުވެ އެ ވިޔަފާރި އާލާކޮށް ކުރިއަށް ގެންދާކަމަށް ނާޒިމް ވިދާޅުވިއެވެ.

"ކުރިން ރާއްޖެ އެތެރެކުރި އަޑު އިވުނީ އަޅުގަނޑުމެންނަށް ގުރާމުން ގުރާމުން. މިއަދު މި ފެންނަނީ ކިހިނެއްތޯ، ކިލޯ ކިލޯ އިން އެތެެރެކުރަމުންދާ މަންޒަރު. މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބޮޑެތި ކުށްތަކަށް އަރައިގަންނަ މަންޒަރު އެބަފެނޭ،. އެއްވެސް ސަރުކާރަކަށް މިކަމަށް އަލިމަގެއް އަދި ފެނިފައެއް ނެތޭ. މިޕާޓީއަކީ އިޖުތިމާއީ ސިޔާސަތު ބައްޓަން ކުރަން އަޅުގަނޑުމެން ބޭނުންވަނީ އެފަދަ ޒުވާނުންނަކީ ރާއްޖޭގެ އިގްތިސާދީ ދުވެލީގައި ފުރިހަމަ އަށް ބައިވެރިވުން އޮންނަ ރާއްޖޭގެ ކުށުގެ ބިރުވެރިކަމެއް ނެތި އަމާންކަމާއި އެކު ތި ހުރިހާ ރައްޔިތުންނަށް އުޅެވޭ ކަހަަލަ މާހާއުލެއް އަޅުގަނޑުމެން ހޯދައިދިނުން." ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން މިހާތަނަށް ރާއްޖޭގެ ވަރަށް ގިނަ އަތޮޅުތަކަށް ޒިޔާރަތް ކޮށް ރައްޔިތުންގެ ހާލަތު ދެނެގަނެފައިވާ ކަމަށެވެ. އެގޮތުން ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލަތު އޮޅުންފިލުވައި ގެންނަން ފެންނަ އިސްލާހުތަކާއި ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި ބެހޭގޮތުން ފުޅާ ދާއިރާ އެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެެ.

"މިދަތުރުތަކުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އަޅުގަނޑުމެން ތިބެންޖެހޭ ހިސާބަށް ދެވިފައިނުވާކަން. މިއީ އަޅުގަނޑު ގަބޫލުކުރާގޮތުގައި މާތް ﷲ އިރާދަފުޅާއެކު މިޕާޓީގެ ފުރިހަމަ މަސައްކަތުން ބަދަލު ކުރެވިދާނެ ހާލަތެއް." ނާޒިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު