ގާނޫނާ ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެއުޅުނު ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފުން ބުނީ، ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަަހައްދުގައި ބޭރުގެ މަސް ބޯޓެއް ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދާ ކަމުގެ ރިޕޯޓް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 11:26 ހާއިރު، އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ ދޯންޏެއް މެދުވެރިކޮށް ކަމަށެވެ.



މި ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ "މާފަތް" ލޯންޗް ވަނީ އެ ސަރަހަށްދަށް ގޮސް މިއަދު 14:00 ހާއިރު އެ ބޯޓް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މި ބޯޓް ކޯސްޓްގާޑަށް ފެނިފައި ވަނީ ލ. އިސްދޫމުލީގެ އިރުއުތުރުން 15 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް މި އުޅަނދު ގެނެވި، ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު