އަހުމަދު މަސްނޫމް   23 ސެޕްޓެމްބަރު 2022 - 13:30
ގއ. މާމެންދޫގައި 2021 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 8 ވަނަ ދުވަހުގެރޭ ހިންގި ގްރޫޕް މާރާމާރީގައި މަރާލި ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔުގެ ވާރިސުން ހޯދަން ޖުވެނައިލް ކޯޓުން އިއުލާންކޮށްފިއެވެ.

އުދައްޔުގެ ވާރިސުން ހޯދަން ޖުވެނައިލް ކޯޓުން އިއުލާންކޮށްފައިވާއިރު އެ މައްސަލާގައި ދަޢުވާކުރި ކުޑަކުއްޖާގެ މައްޗަށް ވަނީ ކުށް ސާބިތުވެފައިވާކަމަށް މިމަހު ކަނޑައަޅާފައެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތަަށް، މިހާރު ކުރިއަށް ދަނީ އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމެވެ. އެގޮތުން އެ މައްސަލާގަައި އަދަބުކަނޑައެޅުމުގެ ކުރިން ވާރިސުގެ ބަސް ހޯދަންޖެހެއެވެ.

ޖުވެނައިލް ކޯޓުން ނެރެފައިވާ އިއުލާނެއްގައި ބުނީ އުދައްޔުގެ އެއްވެސް ވާރިސަކު ހުރިނަމަ އެފަރާތެއްގެ ނަމާއި އެޑްރެހާއި، އައިޑީކާޑު އަދި އުފަންތާރީހާއި ގުޅޭނެ ފޯނު ނަމްބަރު، ހަތް ދުވަހުގެ ތެރޭގައި އެކޯޓަށް ލިއުމަކުން އަންގަވައި ދެއްވުން އެދޭ ކަމަށެވެ.

މިމައްސަލައިގައި ކުށް ސާބިތުވި ކުޑަކުއްޖާގެ އިތުރުން ދައުވާކޮށްފައިވަނީ އަހްމަދު ޝަމީމްއާއި، ޝަރަފު ރަޝީދާއި، މުހައްމަދު މާޒިންގެ މައްޗަށެވެ.

މި ތިން މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި މި މީހުންގެ އަޑުއެހުންތައް ކުރިއަށްދާއިރު، މި ތިން މީހުންގެ ބައި އޮތީ ހެކިބަސް ނެގުމުގެ މަރުހަލާގައެވެ.



ކިޔުންތެރިންގެ ހިޔާލު