ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަކީ، އެ މަގާމުގައި ބަހައްޓަން އެކަށީގެންވާ މީހެއް ނޫންކަން ދަނީ ހާމަވަމުން ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހު ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަލަމްގީރާއިއެކު އެއްޖިންސުން ގުޅުންހިންގި މީހުންގެ ތެރޭގައި ހިމެނޭ ކުރީގެ ފުލުސް މީހާއަށް ކޯޓުން ދޭން ކަނޑައެޅި އަދަބު ބޮޑުވެގެން ޕީޖީ އިން ހައިކޯޓަށް ދާން ނިންމުމާއި ގުޅިގެން، ޒައިދު މިއަދު ވިދާޅުވީ، މިހާރުގެ ޕީޖީއަކީ އެ މަގާމުގައި ބަހައްޓަން އެއްވެސް ގޮތަކަށް އެކަށީގެންވާ ބޭފުޅެއް ނޫންކަން ދަނީ ފާޅުވަމުން ކަމަށެވެ.

އަދި ޕީޖީ އެ ހިންގަވަނީ ޖަރީމާތަކެއްގެ ގޮތުގައި ޒައިދު ވަނީ ސިފަ ކުރައްވާފައެވެ.

"ޕީޖީގެ ބިރުވެތިކަމެއް ނެތްތާނގައި ހަމަ އެއްވެސް ލަދުވެތިކަމެއް ވެސް ނެތީތޯ." ޒައިދު ވިދާޅުވެފައިވެއެވެ.



މި މައްސަލާގައި ހިމެނޭ އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު އިއްވީ އެއް އަހަރާއި އެއް މަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ އޭނާގެ މައްޗަށް ކަނޑައެޅި އަދަބުގެ ބައި އިސްތިއުނާފު ކުރަން ނިންމީ އަދަބުގެ މިންވަރު ބޮޑުވުމުން ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އަލަމްގީރުގެ މައްޗަށް ވެސް އިއްވީ ހަތް މަހުގެ ޖަލު ހުކުމެކެވެ. އަދި އެ މައްސަލާގައި ހިމެނޭ ގާނޫނީ ވަކީލު ނާޒިމް ސައްތާރަށް އިއްވީ ތިންމަހަށް ގޭބަންދު ކުރުމުގެ ހުކުމެކެވެ.



ކިޔުންތެރިންގެ ހިޔާލު