އަހުމަދު މަސްނޫމް   22 ސެޕްޓެމްބަރު 2022 - 15:14
ރާއްޖޭގެ ޖިއޮގްރަފިކް ތަންތަނަށް ނަންކިޔުމުގެ އުޞޫލެއް އެކުލަވާލައިފިއެވެ.

މިއުސޫލު އެކުލަވާލާފައި ވަނީ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީންނެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ވަނީ ރާއްޖޭގެ ޖިއޮގްރަފިކް ތަންތަނުގެ ތެރެއިން ނަމެއް ކަނޑައަޅާފައިނުވާ ތަންތަނަށް ނަމެއް ދިނުމާއި، އެފަދަ ތަނަކަށް ދީފައިވާ ނަމެއް އިސްލާހުކުރަން ޖެހިއްޖެ ހާލަތެއްގައި އިސްލާޙުކުރުމުގެ މަސައްކަތް ކުރުމަށް "ޖިއޮގްރަފިކް ނަންތަކާއިބެހޭ ކޮމިޓީ" އެއް އެކުލަވާލާފައެވެ.

މި ކޮމިޓީ އެކުލަވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، ދިވެހި ބަހުގެ އެކަޑަމީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަ، މިނިސްޓްރީ އޮފް ޓޫރިޒަމް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހިމެނޭ ގޮތަށެވެ.

މި ކޮމިޓީއިން ޖިއޮގްރަފިކް ނަންތައް ކިޔުމުގައި ބަލާނެ މިންގަނޑުތަކުގެ ތެރޭގައި ނަން ދިނުމުގައި ދިވެހިބަހުން ކިޔާ ނަމެއްކަމުގައިވުމާއި، މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތަކަށް ފެތޭ ސާދާ، ކިޔަން ރީތި ފަސޭހަ ނަމަކަށްވުން ހިމެނެއެވެ.

އަދި ކުރިން އެހެން ޖިއޮގްރަފިކް ތަނަކަށް ކިޔައިފައިވާ ނަމަކަށް ނުވުމާއި، ރަށް ނުވަތަ އެރަށެއް އޮތް ސަރަޙައްދުގައި ފެންނަން ހުރި ކަންތައްތަކަށް މިސާލަކަށް ޖިއޮގްރަފީ، ޖިއޮލޮޖީ، ދިރޭތަކެތި، ތާރީޚަށް ރިއާޔަތްކޮށް ނަމެއްދިނުންވެސް މި އުޞޫލުގައި ހިމެނެއެވެ.

މި އުޞޫލުގައިވާގޮތުން ތިންވަނަ ފަރާތަކުން ޖިއޮގްރަފިކް ތަނަކަށް ނަންކިޔުމަށް ހުށަހަޅާނަމަ، ހުށަހަޅާ ނަންތަކާއި، އެނަމެއް ހުށަހަޅާ ސަބަބުތައް އުސޫލާއި އެއްގޮތަށް ބަޔާންކުރަންވާނެއެވެ. ސަރުކާރުގެ އިދާރާއެއް ފިޔަވާ ތިންވަނަ ފަރާތަކުން ރަށަކަށް ނަމެއް ކިޔުމަށް ހުށަހެޅޭނީ އެފަރާތަކުން ފަޅެއްގައި ހިއްކާފައިވާ ރަށެއްކަމުގައިވާނަމައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން