ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހުތަކާއެކު ސިއްހީ ދާއިރާ މިއަދު މިސްރާބު ޖަހަމުންދަނީ އިންޤިލާބީ ބަދަލަކާއި ދިމާލަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓަރ ސަމީރު ވަނީ ރައީސް ސާލިހުގެ ސަރުކާރުން ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރައްވާ މަސައްކަތަކަށް އަލިއަޅުއްވާލައްވާފައެވެ.

ސަމީރު ވިދާޅުވީ، ޞިއްޙީ ޚިދުމަތްތަކަށް ރައްޔިތުން އަތުން ބޮޑު ހޭދައެއްކޮށްގެން ކޮންމެ ފަހަރަކު މާލެ އަންނަންޖެހޭ ޖެހުން މިއަދު މާޒީވެފައިވާކަމަށާއި ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތަކީ ލާމަރުކަޒީ ނިޒާމުން ރައްޔިތުން ބާރުވެރިކުރުވުންކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނެވި ބަދަލުތަކުގެ ހެޔޮ އަސަރު ޞިއްޙީ ދާއިރާއިންވެސް މިއަދު ފެންނަމުންދާކަމަށް ސަމީރު ފާހަގަކުރެއްވިއެވެ.

ސަމީރު ވިދާޅުވީ، ސިއްހީ ދާއިރާއަށް ގެންނަ ތަރައގްިއާއެކު ވަޒީފާގެ އެތައް ފުރުޞަތުތަކެއް އުފެދެމުންދާކަމަށާއި އެގޮތުން މިހާރުވެސް މި ދާއިރާއިން 100 އަށްވުރެ ގިނަ ވަޒީފާތަކަށް ރ. އަތޮޅުން އެކަނިވެސް އިޢުލާންކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ އިތުރުން، މަޑުޖެހިފައިވާ ޕަބްލިކް ހެލްތުގެ ދާއިރާއަށް ދިރުން ގެނައުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް މިނިސްްޓަރ ވިދާޅުވިއެވެ.

"ޓެލެމެޑިސިނާއެކު އަގުބޮޑުކޮށް ދަތުރެއްކޮށްފައި ދާއްކަށް ނުޖެހޭ އޭރުން. މިކަންކަން ހާޞިލުވެ ކަންކަން ވެގެންދިޔާމަ، މި ނިޒާމުގެ ތެރެއިން ވަރަށް ބޮޑަށް ކަންކަން ފަހިވެގެންދާނެ. އެއާއެކު ކުޑަ ރަށަކުން ޙާލަތު ނިޔާކުރާގޮތުން އެމީހަކު ނުޖެހޭނެ މައިގަނޑު ބޮޑެތި ޚިދުމަތްތައް ލިބޭ ރަށަކަށް ކުޑަކުޑަކަމެއްގައި ދާކަށެއް އިނގޭތޯ" މިނިސްޓަރ ސަމީރު ވިދާޅުވިއެވެ.

ސަމީރުގެ ވާހަކަފުޅުގައި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް މި ސަރުކާރުން އެންމެ ބޮޑު ހޭދައެއްކުރާ އެއް ދާއިރާއަކީ ޞިއްޙީ ދާއިރާކަން ފާހަގަކުރެއްވިއެެވެ. އަދި އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކޮށް، ވަޞީލަތްތައް އިތުރުކުރުމަށް އެތައް މަޝްރޫޢެއް އެކި ސަރަޙައްދުތަކުގައި މިވަގުތުވެސް ހިންގަމުންދާކަމަށް ސަމީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު