މާލެތެރެ ސާފުކޮށް ބޭއްވުމަށްޓަކައި ވެމްކޯގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް އެ ސިޓީގެ މޭޔަރަށް ނުފެނުމަކީ ހައިރާންވާކަމެއް ކަމަށް އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި މިރޭ ވާހަކަ ދައްކަވަމުން ޢަލީ ޞާލިޙް ވިދާޅުވީ، އޭނާއަށް ފެނިވަޑައިގަންނަވާ ގޮތުގައި މާލެއަކީ ސާފު ތަނެއް ކަމަށެވެ. އަދި ކޮންމެ ރެއަކު ވެމްކޯގެ މުވައްޒަފުން މާލެތެރެ ވަރަށް ރީތި ކޮށްފައި އޮންނަކަމަށާ، އެ މުވައްޒަފުން އެ ކުރާ މަސައްކަތް މޭޔަރ ޑރ. މުޙައްމަދު މުއިއްޒަށް ނުފެނުމަކީ ހައިރާންވާ ކަމެއްކަމަށް އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކަންކަން ކުރަން އޮންނަ ރީތި ގޮތުގައި މަޝްވަރާ ކޮށްގެން ކުރެވެން އޮއްވާ، ބާއްވާ ޖަލްސާތަކުން އެފަދަ ބޮޑެތި ނިންމުންތައް ނިންމުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ.

ޢަލީގެ ވާހަކައިގައި އެއިޝާރާތް ކުރެއްވީ، މާލެ ސިޓީގެ ކުނި ނެގުމުގެ މަސައްކަތް ކައުންސިލުން ހަވާލު ކޮށްފައިވާ ވެމްކޯއިން އެކަން އެންމެ ރަނގަޅަށް ނުކުރާތީ މާލެތެރެ ސާފުކޮށް ނޯންނަކަމަށް ބުނެ، އެ މަސައްކަތް ވެމްކޯއަތުން އަތުލައި، ސިޓީ ކައުންސިލުން އަމިއްލައަށް ކުނި ނެގުމުގެ މަސައްކަތް ކުރަން ދާދިފަހުން އެ ކައުންސިލުން ނިންމި ނިންމުމަށެވެ.

އެ މައްސަލާގައި ވެމްކޯއިން މީގެ ކުރިން ބުނެފައިވަނީ ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނީ ރަނގަޅަށް ކަމަށާއި ސިޓީ ކައުންސިލްގެ ނިންމުމަކީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެއީ ގަސްދުގައި ގިނަބައެއްގެ ވަޒީފާ ގެއްލުވާލަން ކުރާ ކަމެއްގެ ގޮތުގައި ވެސް އެ ކުންފުނިން ވަނީ ސިފަ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު