ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން އަތުން ނަގާ ގްރީން ޓެކްސް ނެގުން އަވަސް ކުރެވޭގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

އެ ގާނޫނަށް ގެނައި 12 ވަނަ އިސްލާހަކީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

ޓޫރިޒަމް ގާނޫނަށް ގެނައި މައިގަނޑު އިސްލާހަކީ، އެ ގާނޫނުގެ 11 ވަނަ އިސްލާހުގައި، ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ފަތުރުވެރިންގެ އަތުން ނެގޭނެކަމަށް ބަޔާންކޮށްފައިވާ ގްރީން ޓެކްސް 1 ޖަނަވަރީ 2023 އިން ފެށިގެން ނެގުމަށް އޮތް އޮތުން މިހާރުން ފެށިގެން ވެސް ނެގޭނެގޮތަށް މަގުފަހިކޮށްދިނުމެވެ.

މީގެ އިތުރުން ވެސް މި އިސްލާހަށް އަމަލު ކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ފަތުރުވެރިއަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމަށާއި، ގްރީން ޓެކްސް، މި ގާނޫނުގައި ބަޔާންކުރާ ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާ ނުދައްކާހާ ހިނދަކު، އެ ފަތުރުވެރިއަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމުގައި ވަނީ ބަޔާންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު