ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ދޭން ޖެހޭ ތާރީހުގެ ގޮތުގައި ކަނޑައަޅާފައިވާ ތާރީހު މުއްދަތެއް ނެތް ގޮތަށް ފަސްކުރަން މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ބިލަކީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މިގާނޫނަށް ގެނައި މައިގަނޑު އިސްލާހަކީ، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ފަރާތަކީ ބިދޭސީއެއްނަމަ، ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާޔަތްކޮށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ދޭ ލަފާގެމަތިން، މިނިސްޓަރު ކުރާ އަމުރަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ތާރީހެއް މިނިސްޓަރ ކަނޑައަޅައި އާންމުކޮށް އިއުލާން ކުރަންވާނެކަމަށް ގާނޫނުގައި ކަނޑައެޅުމެވެ.

ވަޒީފާ އާއި ބެހޭ ގާނޫނުގެ ދަށުން މަސައްކަތްތެރިންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމަށް މިނިސްޓަރު ކުރާ އަމުރަށް، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް ވަޒީފާ ދޭ ފަރާތްތަކުން އަމަލުކުރުމަށް މި އިސްލާހުގެ ކުރިން ދީފައިވާ މުއްދަތަކީ މިމަހުގެ 22 ވަނަ ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު