ވަސީލަތްތައް މަދު ގައުމުތަކަށް ދިފާއީ ރައްކާތެރިކަމާ އެއްވަރަށް، އިގްތިސާދީ ފުދުންތެރިކަން ވެސް މުހިއްމުކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިފަދައިން ވިދާޅުވީ، އިންޑިއާ ސިފައިންގެ އަހަރީ ބައްދަލުވުން ނުވަތަ އިންޑިއާ ޑިފެންސް ކޮންކްލޭވްގައި، ވީޑިއޯ މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައެވެ.

އެ ބަސްދީގަތުމުގައި މާރިޔާ ވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުމާއި އިންޑިއާގެ ކަނޑުގެ ރައްކާތެރިކަމަށް ދެގައުމުގެ ގުޅުންތަކުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އެގޮތުން މާރިޔާ ވިދާޅުވީ، ވަސީލަތްތައް މަދު ކުދި ގައުމުތަކަށް، ދިފާއީ ރައްކާތެރިކަމާ އެއްވަރަށް، އިގްތިސާދީ އަދި އިޖްތިމާއީ ފުދުންތެރިކަން ވެސް މުހިއްމު ކަމަށެވެ.

އެއީ އެއް ހަމައެއްގައި ގެންގުޅޭ ކަންކަން ކަމަށާއި އެހެންވެ، ރާއްޖެ ފަދަ ގައުމުތަކަށް އަސްކަރީ އެއްބާރުލުން ދިނުމަކީ، ހުރިހާ ބޭނުންތަކަށް ދޭ އެއްބާރުލުމެއް ކަމަށް އެއްވެސް ގައުމަކުން ހީކޮށްގެން ނުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެހެންކަމުން، ބާރުގަދަ ގައުމުތަކުން، ކުދި ގައުމުތަކުގެ އިގްތިސާދީ ތަރައްގީ އާއި އިޖްތިމާއީ ރައްކާތެރިކަމަށް ވެސް އަހައްމިއްޔަތުކަން ދިނުމަކީ މުހިއްމު ކަމެއް ކަމުގައި މާރިޔާގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، ކުޑަ ގައުމަކަށް އެ އިރެއްގައި ކުރިމަތިވާ ގޮންޖެހުންތަކާއި އުނދަގޫތައް އަދި ބޭނުންތަކަށް ބޮޑެތި ގައުމުތަކުން ރިއާޔަތް ނުކުރާ ނަމަ، އެ ބޭނުންތައް ފުއްދުމުގައި އެ ގައުމުތަކުން އެހީތެރިކަން ހޯދުމަށް އެހެން ގައުމުތަކަށް ބަލާނެއެވެ. އަދި އަސްކަރީ ގޮތުން ބާރުގަދަވުމުން، އެ ގައުމެއް ދެކެ، ކުދި ގައުމުތަކުން ބިރުގަނެ، ޖެހިލުން ވާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ. 



ކިޔުންތެރިންގެ ހިޔާލު