މާލޭގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއިއެކު ދޫކުރަން ހަމަޖެހިފައިވާ ގޯއްޗާއި ފުލެޓަށް އެދި ކުރިމަތު ލުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ބުނީ، ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާން ހުޅުވާލި މުއްދަތު އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ގޯއްޗާއި ފުލެޓަށް އެދުމުގެ ފުރުސަތު ޖޫން 26 ވަނަ ދުވަހު ހުޅުވާލިއިރު ސުންގަޑިއެއްގެ ގޮތުގައި އޭރު ދިނީ މި ހިނގާ ސެޕްޓެމްބަރު މަނުގެ 26 ވަނަ ދުވަހެވެ.

މިނިސްޓްރީން ބުނީ، ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކުރީ، ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް މިމަހުގެ 15 ވަނަ ދުވަހު ގެނައި އިސްލާހާއި ގުޅިގެންކަމަށެވެ.

ބިންވެރިޔާ ސްކީމުގެ އުސޫލު ކުރިން ބައްޓަންކޮށްފައިވާގޮތުން "މާލޭގެ ރައްޔިތެއް" ކަމުގައި ބަލާނީ، އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓްރީގައި ޖެހިފައިނުވާ މީހުންނެވެ. ނަމަވެސް މިނިސްޓްރީން ފަހުން ގެނައި އިސްލާހުގައި ބުނެފައި ވަނީ އެމީހެއްގެ މަންމައަކީ ނުވަތަ ބައްޕައަކީ މާލޭގެ ރައްޔިތެއްކަމަށްވެފައި، ސަރުކާރުން ހިންގާފައިވާ ސިޔާސަތެއްގެ ސަބަބުން ނުވަތަ ކަނޑައަޅާފައިވާ ގަވާއިދެއްގެ ސަބަބުން ނުވަތަ އުސޫލެއްގެ ސަބަބުން ކުރިން އެހެން ތަނެއްގެ ރަޖިސްޓްރީގައި ޖެހުމަށްފަހު، މިހާރު މާލޭގެ ރައްޔިތެއްގެ ގޮތުގައި މީހަކު ރަޖިސްޓްރީވެފައި ވާނަމަ، އެފަދަ މީހުން ބަލާނީ މާލޭގެ ރައްޔިތުންގެ ގޮތުގައިކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު