އެމެރިކާގެ އެހީގައި ރާއްޖޭގައި ކޯވިޑް-19ގެ ތަފާތު ވޭރިއަންޓްތައް ދެނެގަންނާނެ ޖީން ސީކުއެންސިންގ ފެސިޓީއެއް ޤާއިމުކޮށްފިއެވެ.

މިތަން ރަސްމީކޮށް ދިވެހި ސަރުކާރާއި ޙަވާލުކުރުމަށްޓަކާ ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި ފެސިލިޓީ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ހެލްތު މިނިސްޓަރ އަޙްމަދު ނަސީމެވެ.

ޔޫ.އެސް އެއިޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ ގަވަނެންސް އެންޑް ވަލްނަރަބަލް ޕޮޕިއުލޭޝަން އޮފީހުގެ ޑައިރެކްޓަރު ކެވިން ޑީންއެވެ.

މި ޖީން ސީކުއެންސިންގ ފެސިލިޓީ ޤާއިމުކޮށްފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭގެ ދަށުން ހިންގާ ނެޝެނަލް ހެލްތު ލެބޯޓްރީ، އެން.އެޗް.އެލްގައެވެ. ރާއްޖޭގައި ކުރިން ޖީން ސީކުއެންސިން ޓެސްޓްތައް ހަދަމުން އައީ ރާއްޖޭން ބޭރަށް ސާމްޕަލްތައް ފޮނުވައިގެންނެވެ.



މި ފެސިޓީ ޤާއިމުކުރުމަށް ޔޫ.އެސް އެއިޑުން ރާއްޖެއަށް ވަނީ 89,937.64 އެމެރިކާ ޑޮލަރު (1.4 މިލިއަން ރުފިޔާ) ގެ އެހީ ހަދިޔާކޮށްފައިވެއެވެ.

ހެލްތު މިނިސްޓްރީން ބުނީ މިފަދަ ފެސިލިޓީއެއް ޤާއިމުވެގެންދިއުމަކީ ކޯވިޑް-19އިން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ލިބިގެންދާނެ ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ. އަދި އެމެރިކާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ ތެރެއިން ރާއްޖޭގެ އިޖްތިމާޢީ ތަރައްޤީއަށް ގިނަ އެހީތަކެއް ޔޫ.އެސް އެއިޑުން ވަމުންދާކަން މިނިސްްޓްރީން ފާހަގަކުރެއެވެ.

ޔޫއެސް އެއިޑުން ބުނީ މި ފެސިލިޓީގެ ސަބަބުން ކޯވިޑްގެ ވޭރިއަންޓްތައް ރާއްޖޭގައި ދައުރުވާ މިންވަރު ދެނެގަތުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށާއި، މިތަނުގައި މިފަދަ ފެސިލިޓީއަކަށް ބޭނުންވާނެ އެންމެ ފަހުގެ ޒަމާނީ އާލާތްތައް ހުންނާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު