ޑޮލަރުގެ އަގު 17 ރުފިޔާއަށް ބޮޑު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި މަރަދޫގައި ހުންނަވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ މިހާރު ރާއްޖޭގެ ބޭރުފައިސާ ރިޒާވް އޮތީ ކަންބޮޑުވާންޖެހޭ ހާލަތެއްގައި ކަމަށާއި، އެކަމަށް ހައްލެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރުވެސް ޑޮލަރުގެ އަގަކީ 17 ރުފިޔާ ކަމަށާއި، އެނޫން އަގަކަށް ޑޮލަރު ނުލިބޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން 15.42 ގެ ގޮތުގާ ރޭޓު ކަނޑައަޅައިގެން އަމިއްލަ ނަފްސަށް އޮޅުވާލުމަކީ ބޭކާރުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވުމުން، ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންވެސް ހިމެނެއެވެ.

އަމާޒުވި ފާޑުކިޔުންތަކާއެކު ރައީސް ނަޝީދު މިއަދު ވަނީ އޭރު ދެއްކެވި ވާހަކަފުޅު ތަރުޖަމާ ކޮށްދެއްވާފައެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ، އެމަނިކުފާނު ވިދާޅުވީކީ ޑޮލަރުގެ އަގު 17 ރުފިޔާއަށް ބޮޑުކުރަން ނޫން ކަމަށާ، ވިދާޅުވީ އެކްސްޗޭންޖް ރޭޓް ފްލޯޓް ކުރުމަމީ މުހިންމު ކަމެއް ކަމަށެވެ. އަދި އެހެން އެކަން ކުރުމުން ޑޮލަރު ހަމައަގަށް ބަދަލުވެ ބްލެކް މާކެޓް ނެތިގެން ދާނެކަމަށް ކަމަށެވެ. އަދި އެ "ހަމައަގަކީ" 17 ރުފިޔާއަށް ވުމަކީ އެކަށީގެންވާ ކަމެކޭ، ވިދާޅުވިކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑޮލަރުގެ އަގު 17 ރުފިޔާއަށް ބޮޑުކުރުން ރަނގަޅުކަމަށް ދޭހަވާ މޭރުމަކުން ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވުމުން އެކަމާ ފާޑުކީ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ، އަޙްމަދު އާރިފް ވިދާޅުވީ، ޑޮލަރުގެ އަގު 12 ރުފިޔާގައި ހުއްޓައި 15 ރުފިޔާއަށް އުފުއްލެވީ ރައީސް ނަޝީދު ކަމަށެވެ. އަދި އެކަމާ ގުޅިގެން އުފެދުނު ބްލެކްމާކެޓަށް އިޝާރާތް ކުރަށްވަމުން އާއްޓޭ ވިދާޅުވީ 17 ރުފިޔާއަށް ޑޮލަރު ރޭޓް ބަދަލުކޮށްފިނަމަ ބްލެކް މާކެޓްގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް އުފުލޭނެކަމަށެވެ.

ހަމައެއާއެކު ސަރުކާރުން ޖީއެސްޓީއަށް ބަދަލު ގެނައުމަށް މަސައްކަތްކުރާ ދަނޑިވަޅެއްގައި ޑޮލަރުގެ ރޭޓާއި ކުޅުމަކީ ކުރަންހެޔޮވާވަރުގެ ކަމެއް ނޫން ކަމަށްވެސް ތަޖުރިބާކާރު ވިޔަފާރިވެރިޔާ އާއްޓޭ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު