ޔޯގާ ދުވަހުގައި ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށްހުރަސް އެޅި މައްސަލައިގައި އައްޝައިޚް އާދަމް ނިޝާން މުޙައްމަދު ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފިއެވެ.

ޔޯގާ މައްސަލައާ ގުޅިގެން މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު އައްޝައިޚް އާދަމް ނިޝާން ހައްޔަރުކޮށް މަހަކަށް ވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ޝަރުތުތަކަކާއި އެކު މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ. އެގޮތުން މާލެއިން ބޭރަށް ވަޑައިނުގަތުމާއި، ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެންގެވުމާއި، ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އަންގައިފިނަމަ ހާޒިރުވެވަޑައިގަތުމަށް ކޯޓުންވަނީ އޭނާއަށް އަންގާފައެވެ.

ޝައިހް ނިޝާން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އޭނާގެ އަޑުގެ ސާމްޕަލް ނެގުމަށް ފުލުހަށް ހާޒިރުވާން މިއަދު އަންގާފައިވާކަމަށެވެ.

ޝައިޚް ނިޝާން 21 ޖޫންގައި ހައްޔަރުކުރީ ގަލޮޅު ދަނޑުގައި ޔޫތު މިނިސްޓްރީއާއި އިންޑިއާ ހައިކޮމިޝަން ގުޅިގެން ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް އިހުތިޖާޖުކުރަން ޒުވާނުންތަކެއް އިސްނަގައިގެން ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ބުނެއެވެ. އެމައްސަލައިގައި ގިނަ ބަޔަކު ހައްޔަރުކުރުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު