ރާއްޖޭގެ ވެެރިކަމުގެ ނިޒާމް ބަދަލުކުރަން ވޯޓެއް ނަގަން ރައްޔިތުން ބޭނުންނުވާ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރަށްވާ މަސައްކަތްތަކަށް އިޝާރަތް ކުރަށްވަމުންނެވެެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އާއްމުންގެ ވޯޓަަށް ދިއުމަށް ފެންނަ ކަމަށް އެމްޑީޕީން ފާސްކުރަން ރައީސް ނަޝީދު އެ ޕާޓީގެ ކޮންގްރެސްއަށް ގަރާރެއް ހުށައަޅުއްވައިގެން މަަަސައްކަތްކުރެއްވި އެވެ.

އެހެން ނަމަވެސް އެ ޕާޓީގެ އެންމެ އިސް ލީޑަރ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކުރެއްވި މަޝްވަރާތަކަށްފަހު ރައީސް ނަޝީދު ވަނީ ގަރާރު ގެންދަވާފައެެވެ. އެމަސައްކަތް އަދިވެސް ހުއްޓާނުލައި ކުރިއަށް ގެންދަވާ ކަމަށް ރައީސް ނަޝީދު ހާމަކުރަށްވައިފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެންނަން މަސައްކަތް ކުރާ ކަމަށް ބުނެ ރައްޔިތުންނަށް ދައްކަނީ ކުލަ ހުވަފެނެއް ކަމަށެވެ. ބަރުލަމާނީ ގެންނަން މަސައްކަތް ކުރަނީ ހުރިހާ މިނިސްޓްރީ ތަކާއި ކުންފުނިތައް ބަހާލުމަށް ކަމަށާއި އެއީ ވަކި ބަޔެއްގެ "އަންބޮޑި" ބޮޑުކުރުމަށް ކުރާކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަތޮޅަށް އެކަމުން ވާނެ އެއްވެސް ފައިދާ އެއް ނޯއްނާނެ، ބަރުލަމާނީ އަކީ ރައްޔިތުންނަށް ދައްކާ ކުލަ ހުވަފެނެއް. ރައްޔިތުން ނޫޅޭ އެކަމެއް ބޮޑުވެގެން ހަތަރު ފައްސަތޭކަ މިލިއަން ރުފިޔާ ދައުލަތުގެ ޚަޒާނާއިން ޚަރަދުކޮށްގެން އެފަދަ ވޯޓަކަށް ދާންވީ ވަގުތެއް ނޫން މިއީ. އެއްކޮޅުން ބުނަނީ ގައުމު އޮތީ ދަރަނިވެރިވެފައޭ. ރައްޔިތުން ބަޑަށް ޖެހެނީއޭ ލާރި ޗާޕްކުރަންވީ އޭ، އަނެއްކޮޅުން ބުނަނީ ނޫނެކޭ 1000 މިލިއަން 2000 މިލިއަން ޚަރަދުކުރަންވީއޭ ވޯޓަކަށް. ކޮންކަމަކާއި ކޮން ރައްޔިތަކުތޯ ބުނީ." ޝަރީފް ވިދާޅުވިއެެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ބެލުމަށް 2007 ވަނަ އަހަރު ނެގުނު ރައްޔިތުންގެ ފެންނަ ނުފެންނަ ޢާއްމު ވޯޓުގައި ރިޔާސީ ނިޒާމަށް ތާޢީދުކޮށް 95619 ރައްޔިތުން ވޯޓު ދީފައިވާއިރު ބަރުލަމާނީ ނިޒާމަށް ތާޢީދުކޮށް ވޯޓު ލާފައިވަނީ، 58504 ރައްޔިތުންނެވެ. ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.



ކިޔުންތެރިންގެ ހިޔާލު