އިބްރާހިމް ފަހީމް   18 ސެޕްޓެމްބަރު 2022 - 22:0
މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކުން އެ އަވަށުގެ ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު މިރޭ ވިދާޅުވީ، ޖަމާއަތް ހަދައިގެން ރާވައިގެން ކުށްކުރާ، މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރުމުން އެގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެ، އެ ސްޓޭޝަންގައި މަސައްކަތް ކުރާ ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލާގައި އިންޒާރު ދިން މީހާ މިހާރުވަނީ ހައްޔަރު ކޮށްފައި ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ، މި މައްސަލައަށްފަހު އެ ސްޓޭޝަން ދޮށަށް އެއްވި އެ ގްރޫޕުގެ މީހުނާމެދުވެސް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.، އަދި ޖަމާއަތް ހަދައިގެން ކުށްކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފް އަމަލުތައް ހިންގާ، ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވަމުން ގެންދާނެކަމަށް ސިޕީ ހަމީދު ވިދާޅުވި އެވެ. .

ފުލުހަކަށް މަރުގެ އިންޒާރު ދީފައި މިވަނީ، މިފަހުން ފުލުހުންގެ ދެ މީހަކު އޮފްޑިއުޓީގައި އުޅެނިކޮށް ގުރޫޕަކުން އެ ދެ މީހުންނަށް އަނިޔާކޮށްފައި ވަނިކޮށެވެ. އެ މައްސަލާގައި މިހާތަނަށް 10 މީހަކު ފުލުހުންވަނީ ހައްޔަރު ކޮށްފައެވެ.

ސީޕީ ހަމީދު މީގެ ކުރިން ވިދާޅުވެފައިވަނީ، ފުލުހުންނާ ދިމާކޮށް އިންޒާރުދީ އަނިޔާވެރިވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު