ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ނަގާ ވޯޓްގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް އެ ނަތީޖާ ބަލައިގަންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިޒާމީ ވޯޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަން އެންމެ ރަނގަޅަށް ހިންގެން އޮތް ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށެވެ.

"އަޅުގަނޑު (ކޮންގްރެސްއަށް ހުށަހެޅި) ޤަރާރެއް ނުއެއް ނަގަން. އެ ޤަރާރު އޮތް ގޮތަށް ބޭއްވުމަށް އަޅުގަނޑުމެންނަށް އެއްބަސްވެވުނީ. އަދި އެ ޤަރާރާއި ގުޅޭގޮތުން އިތުރު ވޯޓަކަށް ނުދިއުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.



ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ނިޒާމީ މައްސަލައިގައި ރައްޔިތުންގެ ބަސް ހޯދަންޖެހެއެވެ.

"ރައްޔިތުން ގާތުގައި އެހުން އެއީ ނިޒާމު ބަދަލުކުރަން ފެނޭތޯ ނުވަތަ ނޫންތޯ. ރައްޔިތުންގެ ގާތު އެހުން އެއީ އެމްޑީޕީން ކޮންމެހެން ކޮށްދޭންޖެހޭ ކަމެއް. އަދި މިކަމުގައި އެމްޑީޕީ ޕާޓީއެއްގެ ގޮތުގައި.. މިސާލަކަށް އެމްޑީޕީން ބަރުލަމާނީއަށް ތާއީދުކުރަން ނިންމިިކަމުގައިވިޔަސް އަޅުގަނޑަށް ފެންނަ ގޮތުގައި ރާއްޖޭގައި އޮންނަންވީ ނިޒާމަކީ ކޮބައިތޯ އެހުން އެއީ ކޮންމެހެން ކުރަންޖެހޭކަމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ގަބޫލުކުރެއްވޭ ގޮތުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ފުރުސަތު ލިބޭނެއެވެ. އަދި އެވޯޓުގެ ނަތީޖާ ގަބޫލުކުރާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އެ ވޯޓުގެ ނަތީޖާ ނިކުންނަ ގޮތް އެއީ ވަރަށް ރަނގަޅަށް އަޅުގަނޑު ބަލައިގަންނާނެ ގޮތެއް. އަޅުގަނޑު ގަބޫލުކުރާގޮތުގައި ދެ ވާހަކައެއް ނުދެއްކޭނެ. ބަރުލަމާނީ ނިޒާމަކަށް އަޅުގަނޑު ތާއީދުކުރަނީ. އެ ވޯޓް ނެގުން ވަރަށް ބޭނުންތެރި. އެ ވޯޓް ނެގުމަށްޓަކައި ކުރާންޖެހޭ މަސައްކަތް އަޅުގަނޑު ހިތުން މިހާރު ކުރާންޖެހޭނީ. އެކަމާއި ގުޅޭގޮތުން ވާހަކަ ދެކެވެން އޮތް ފަރާތަކާއި ޖެހޭނީ ވާހަކަދައްކަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަރުލަމާނީ ވޯޓެއް ނެގުމަށް ރައީސް ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށްވެސް ހުށަހެޅުއްވިއެވެ. ނަމަވެސް އެންމެފަހު ވަގުތު އެމަނިކުފާނު ވަނީ އެކަމާއި ގުޅޭ ޤަރާރު ނަގާފައެވެ.

ރައީސް ނަޝީދު ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރިނަމަވެސް އެމްޑީޕީގެ އާއްމު މެމްބަރުންގެ މެދުގައި އެކަމަށް މާބޮޑު ތަރުހީބެއް ނެތްކަމަށް ގިނަބަޔަކު ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު