އަހުމަދު މަސްނޫމް   18 ސެޕްޓެމްބަރު 2022 - 11:4
42 ރަށެއްގެ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލުން ހޯދަން ސިވިލް ސަރވިސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.



ސެކްރެޓަރީ ޖެނެރަލުން ހޯދަން އިއުލާންކޮށްފައި ވަނީ އެސްޖީން ނެތް ކައުންސިލްތަކަށާއި އެސްޖީން އިސްތިއުފާ ދީފައިވާ ކައުންސިލްތަކަށެވެ.

ކައުންސިލްތަކުގެ އެސްޖީންގެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު މި މަހުގެ 29 ވަނަ ދުވަހާއި ހަމައަށް އެ ފުރުސަތު އޮންނާނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ.

މި މަގާމުގައި އެސްޖީން ދެ ރޭންކެއް ހިމެނޭއިރު ފުރަތަމަ ރޭންކްގެ މުސާރަ އަކީ 16،100ރ. އެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 12،285ރ. އެވެ. މިއީ 5 އަހަރު ދުވަހުގެ މުއްދަތަކަށް އައްޔަންކުރާ މަގާމެކެވެ.

ރަށު ކައުންސިލުތަކުގެ އިތުރުން، ހަތަރު އަތޮޅެއްގެ އަތޮޅު ކައުންސިލްގެ އިދާރާތަކުގެ އެސްޖީގެ މަގާމަށްވެސް މީހުން ދަނީ ހޯދަމުންނެވެ. އެ މަގާމުގެ މުސާރައަކީ 21،000ރ. އެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ.



ކިޔުންތެރިންގެ ހިޔާލު