ބޯހިމެނުގެ މަސައްކަތަށް މައުލޫމާތު ދޭން އިންކާރު ކުރާނަމަ ޖޫރިމަނާކުރާނެ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ޑެޕިއުޓީ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ޝަހުދާ ވިދާޅުވީ ޤާނޫނުގެ ދަށުން ބޯހިމެނުމަށް މައުލޫމާތު ނުދޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ އިހުތިޔާރު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ލިބިގެންވާ ކަމަށެވެ.

އެގޮތުން ފިޔަވަޅު އެޅުމުގެ ކުރިން މައުލޫމާތު ފޯރުކޮށްދިނުމަށް ކޮންމެ މީހަކަށް ވެސް ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ޝަހުދާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބޯހިމެނުމަށް މައުލޫމާތު ދޭން އިންކާރު ކުރާ ފަރާތްތަކަށް ގާނޫނާއި ގަވާއިދުގައި އެކަން އޮންނަ ގޮތް ފުރަތަމަ މީހުންނަށް ކިޔައިދީ މި މައުލޫމާތު ނެގުމުގެ މުހިންމުކަން އަަންގައިދޭނެ ކަމަށެވެ.

އަދި ބިއުރޯ ގެ ބޭފުޅަކު ގޮސްގެން ނުވެއްޖެނަމަ އޮފިޝަލުންގެ ލެވެލް މީހަކު ގޮސް ކިޔައިދޭނެ ކަމަށް ޝަހުދާ ވިދާޅުވިއެވެ. ޝަހުދާ ވިދާޅުވީ އެކަން ކިޔައިދިނުމަށްފަހު މައުލޫމާތު ދޭން އިތުރު މުއްދަތެއް ދޭނެ ކަމަށެވެ.

"އެ މުއްދަތުގައި ވެސް މައުލޫމާތު ނުދީފިއްޔާ ހުންނާނެ ޖޫރިމަނާތަކެއް ވެސް ކަނޑައެޅިފައި. އެ ހުރިހާ އެއްޗެއް އަންގަދީފައި ލިޔުމެއްދީފައި އެންމެ ފަހުވަގުތާ ހަމައަށް މައުލޫމާތު ނުދީފިނަމަ އޮވޭ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ އިހުތިޔާރު." ޝަހުދާ ވިދާޅުވިއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހަސަން ވިދާޅުވީ ބޯހިމެނުމަށް ލިބޭ މައުލޫމާތުތަކުގެ އަލީގައި ޕޮލިސީތައް ހެދުމަށް ފަސޭހަވާ ކަމަށެވެ. އަދި ދިރާސާތައް ކުރުމަށް ބޯހިމެނުމުން ލިބޭ މައުލޫމާތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ޝަހުދާ ވިދާޅުވިއެވެ.

ޝަހުދާ އިތުރަށް ވިދާޅުވީ ބޯހިމެނުމުގައި ނަގާ ހުރިހާ މައުލޫމާތުތަކަކީ ވެސް ކަންކަން ރޭވުމުގެ މަރުހަލާގައި ވަރަށް މުހިންމު މައުލޫމާތުތަކެއް ކަމަށެވެ. އެގޮތުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ އިތުރުން ބޭރުގެ ފަރާތްތަކަށް ހިއްސާކުރަނީ ވެސް ބޯހިމެނުމުން ލިބޭ މައުލޫމާތު ކަމަަށް އޭނާ ވިދާޅުވިއެވެެ.



ކިޔުންތެރިންގެ ހިޔާލު