ބޯހިމެނުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުން އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ނާއިބް ރައީސް، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނާއިބް ރައީސް މިހެން ވިދާޅުވީ ބޯހިމެނުމުގައި ބައިވެރިވެވަޑައިގެން މައުލޫމާތު ދެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.

ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ އެމަނިކުފާނު ވެސް ބޯހިމަނައިފި ކަމަށެވެ. އަދި ޤައުމު ތަރައްޤީކޮށް އިޖުތިމާޢީ އަދި އިޤްތިޞާދީ އެކިއެކި ނިންމުންތައް ނިންމުމާއި ކުރިއެރުމުގައި ބޯހިމެނުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.



"މިކަމުގައި އެންމެހާ ރައްޔިތުން ބައިވެރިވުމަކީ މުހިންމުކަމެއް ކަމުގައި ދެކެން،" ބޯހިމެނުމުގައި ބައިވެރިވެ ވަޑައިގެން ފޮޓޯއެއް ޝޯޝަލް މީޑިޔާގައި ހިއްސާ ކުރަށްވަމުން ނާއިބް ރައީސް ވިދާޅުވިއެވެ.

މާލޭ ސަރަޙައްދުގެ ބޯހިމެނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން މިމަހުގެ 27 ގެ ނިޔަލަށް ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

ބޯހިމެނުމުގެ މަަޢުލޫމާތު އެއްކުރާ ޓީމްތައް ހަރަކާތްތެރިވާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން 19:00 އަށެވެ. ހުކުރުދުވަހު ހެނދުނު 9:00 އިން 11.00 އަށް އަދި 14.30 އިން 19.00 އަށް ޓީމްތަކުން މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ ލިސްޓިންގ ނިމުމުން މީހުންގެ އަދި މަސައްކަތް ހިންގާތަންތަނުގެ ތަފްސީލް މައުލޫމާތުނެގުމަށް ދެވަނަފަހަރަށް ޒިޔާރަތްކުރާނެ ކަމަށެވެ. ބޯހިމެނުމުގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ދިވެހިންނާއި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު