ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކޮށް ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން މާލީ މައްސަލަތަކަށް ހައްލު ހޯދިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް މިހާރު ކުރަށްވާ ދަތުރުފުޅުގައި އެމްޑީޕީގެ މެމްބަރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކޮށް ކުންފުނިތަކުގެ ހިއްސާ ކޮންމެވެސް ވަރަކަށް ވިއްކާލުމަކީ މިވަގުތު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކޮށް ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން މާލީ މައްސަލަތަކަށް ހައްލު ހޯދިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ ދަރަނި އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށާއި، ބައެއް ޓެކްސްތައް ބޮޑު ކޮށްގެން ނޫނީ ދަރަނި ދެއްކެން ނެތް ކަމަށެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ދަރަނި ދެެއްކުމަށް ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެންމެ ބޮޑު ނުރައްކަލަކީ ދަރަނި އަނބުރާ ދައްކަންޖެހޭއިރު ދައުލަތުގައި ފައިސާ ނެތިދާތީ ކަމަށެވެ.

"އެކަން އެހެން ވެއްޖިއްޔާ ޑިފޯލްޓްވުމަށް މި ދަނީ. ދެން އެހެންވީމަ ވަރަށް ބޮޑެތި މާލީ ކަންކަން ދިމާވާނެ،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން މިހާރު ރާވާފައިވާ ގޮތަށް ކޮންމެވެސް ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ. އެއީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ދެ ޕަސެންޓަށް ބޮޑު ކުރުމުގެ ބަދަލުގައި އެއް ޕަސެންޓަށް އިތުރުކޮށް އިތުރަށް ހޯދަން ޖެހޭ ފައިސާއެއް ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން ހޯދުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެ މަގުން ކަން ކުރުމަށް ސަރުކާރަށް ބާރު އަޅަން ޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރުން ފެށިގެން ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑުކޮށް ޓޫރިޒަމް ޖީއެސްޓީ 16 ޕަސެންޓަށް ބޮޑު ކުރަން ނިންމައި އެކަމާއި ގުޅޭ ބިލް ސަރުކާރުން މިހާރު މަޖިލީހަށް ވެސް ހުށައަޅާފަ އެވެ. ރާއްޖެ އަށް ކުރިމަތިވި އިގްތިސާދީ ހީނަރު ކަމާއި ގުޅިގެން ސަރުކާރުން ވަނީ އާ މަޝްރޫއުތައް ހިންގުން މަޑުޖައްސާލައި ޚަރަދު ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު