މިދިޔަ މޭ މަހު ދިވެހިރާއްޖެއާއި ކަޒަކިސްތާނާއި ދެމެދު ގާއިމްކުރި އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ކަޒަކިސްތާނުން އޮން-އެރައިވަލް ވިސާ ދޭން ފަށައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިހާރު ކަޒަކިސްތާނަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާއެއް ދޭން ފަށާފައިވާކަމަށެވެ. ނަމަވެސް 30 ދުވަހަށްވުރެ ދިގު މުއްދަތަކަށް ދަތުރުކުރާނަމަ ނުވަތަ ތައުލީމީ ނުވަތަ މެޑިކަލް ނުވަތަ ވިޔަފާރި ބޭނުމެއްގައި ދަތުރުކުރާ ނަމަ، ފުރުމުގެ ކުރިން ދުރާލާ ވިސާ ހޯދަންޖެހޭނެއެވެ.

ކުރިން ވިސާ ނެގުމެއް ނެތި ދިވެހިންނަށް ކަޒަކްސްތާނަށް ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި ރާއްޖެއިން ސޮއިކުރީ މޭމަހުގެ 9 ވަނަ ދުވަހުއެވެ.

ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލެވެ. އަދި ކަޒަކްސްތާނުގެ ފަރާތުން ސޮއިކުރެއްވީ ކަޒަކްސްތާނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ނޫރްލާން ޝަލްގަސްބަޔޭވްއެވެ.

ސޮއި ކުރި "އެގްރިމެންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަރމަންޓްސް"ގެ ދަށުން ދެޤައުމުގެ ރައްޔިތުން އެއްގައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގައި، ވިސާ ނެތި 30 ދުވަހަށް އެތެރެވެވޭނެއެވެ. އަދި ޓްރާންސިޓްކުރުމުގައިވެސް މި އެއްބަސްވުމުގެ ދަށުން ވިސާ ނަގާކަށް ނުޖެހޭނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޚަލީލް ވަނީ، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކަޒަކްސްތާނުގެ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސޮއިކުރެވުނު ވިސާ ވެއިވަރ އެގްރިމެންޓްއާއެކު ދެޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކޮށް، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ތައިލެންޑް، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ އަދި ޗައިނާއަށް ވިސާ އާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު