ރާއްޖޭގައި ޑޮލަރު ހިފެއްޓޭނީ، ފަތުރުވެރިކަމުގެ ދާއިރާގެ ބޭނުމަށް ރާއްޖެ އެތެރެކުރާ ބައެއް ތަކެތި ރާއްޖޭގައި އުފައްދައިގެން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އައްޑޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަކާ ގުޅުވައި ޝަރީފް ވިދާޅުވީ ‏ޑޮލަރު ރާއްޖޭގައި ހިފެހެއްޓޭނީ ޓޫރިޒަމުން ލިބޭފައިދާއިން މިހާރު އިމްޕޯޓް ކުރެވޭ މުދާތަކުގެ ތެރެއިން ބައެއް ރާއްޖޭގައި އުފައްދައިގެން ކަމަށާއި އަދި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކުގެ 95 އިންސައްތަ ދިވެހިން ހިންގާ ކުންފުނިތަކަށްދީގެން ކަމަށެވެ. އަދި އެކަން ކުރެވޭނީ ނަގާ ދަރަނިތަކުންވެސް އުފެއްދުންތެރިކަން އިތުރުކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ރާއްޖެއަށް ވަންނަ ޑޮލަރު ބެންކުގައި ހުއްޓަސް ސަރުކާރަށާ، ސަރުކާރު ކުންފުނިތަކުގެ މިހާރުގެ ސިޔާސަތުގެ ތެރެއިން ޑޮލަރު ބޭނުންކޮށްފައި އިންޑަސްޓްރީގެ މީހުންނަށް ބޭނުންވާ ޑޮލަރު، ސަރުކާރަށް ފޯރުކޮށް ނުދެވޭނެ ކަމަށާއި، އަނެއްކާ ވެސް ޑޮލަރު މާކެޓް ރޭޓަށް ފްލޯޓްކޮށްފިއްޔާ މުދަލާ ހިދުމަތުގެ އަގުއުފުލޭނެ ކަމަށެވެ.

ޝަރީފް މިފަދައިން ވިދާޅުވިއިރު، އައްޑޫ އެމްޑީޕީ މެންބަރުންނާ ރޭ ބައްދަލު ކުރައްވާ، ޑޮލަރުގެ ދަތިކަމަށް ހައްލު ހޯދުމާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، ރިސޯޓްތަކުން ވެސް ދިވެހި ރުފިޔާއިން މުވައްޒަފުންނަށް މުސާރަ ދިނުން މުހިންމު ކަމަށެވެ. އަދި ޑޮލަރުގެ މައްސަލާގައި ފެނިވަޑައިގަންނަވާ ހައްލަކީ، ކަރަންސީ ފްލޯޓް ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކަރަންސީ ޕްލޯޓް ކުރުމުގެ ވާހަކަ މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް، ފިނޭންސް މިނިސްޓަރ އަމީރުވަނީ އެކަމުގައި ހިޔާލު ތަފާތުކަން ހާމަ ކުރައްވާފައެވެ.

އެމެރިކާ ޑޮލަރުގެ އަގު މިހާރުހުރިވަރަށް ބޮޑުކުރީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. މިހާރު ޑޮލަރުގެ ރަސްމީ ރޭޓު 15.42ރ ގައި ހުރި ނަމަވެސް ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގު ހުރީ 17ރ އަށްވުރެ މަތީގައެވެ.



ކިޔުންތެރިންގެ ހިޔާލު