ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓު ލިންކުގެ ދަށުން އުތުރު ސަރަހައްދުގައި ގާއިމުކޮށްފައިވާ އާރުޓީއެލް ފެރީ ނިޒާމުން 48000 މީހުން ޚިދުމަތް ހޯދާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ އުތުރުން ހއ، ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށް އާރުޓީއެލްގެ ފެރީ ނިޒާމުގެ ޚިދުމަތް މިހާރު ވަނީ ދޭން ފަށާފައެވެ. މި ފެރީ ނިޒާމުގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިއުވާން މުޙައްމަދު ވިދާޅުވީ އުތުރު ސަރަހައްދަށް އަމާޒުކޮށް ސަރުކާރުން ފެށި އާރުޓީއެލް ފެރީ ނިޒާމް ވަރަށް ކާމިޔާބުކަމަށެވެ. އެގޮތުން މަހަކަށްވުރެ މަހެއް އާރުޓީއެލް ފެރީ ނިޒާމްގެ ޚިދުމަތް ބޭނުންކުރާ މިންވަރު އިތުރުވަމުންދާ ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި މިދިޔަ ޖޫން މަހުން ފެށިގެން ސެޕްޓެންބަރުގެ މިހާތަނަށް 48000 އަށް ވުރެ ގިނަ މީހުން ފެރީ ނިޒާމުގެ ޚިދުމަތް ހޯދައި ފެރީން ދަތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަތުރުވެރިންނަށް ވެސް ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ ކަނެކްޓިވިޓީ ރަނގަޅުވެގެންދިޔައީމަ. އެ ސަރަހައްދުގެ ލޯކަލް ޓޫރިޒަމް އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށް އަޅުގަނޑުމެން މި އުއްމީދުކުރަނީ. އާރުޓީއެލްގެ ފެރީގެ ނިޒާމް މުޅި ރާއްޖެ އަށް ފެތުރިގެންދާއިރު އެހެން ސަރަހައްދުތަކަށް ވެސް އޭގެ ފައިދާ ކުރާނެ.، ފަތުރުވެރިކަމަށް ވެސް މީގެ ސަބަބުން ވަރަށްބޮޑު ކުރިއެރުމަކަށް ވެގެންދާނެ،" މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ ހަނިމާދޫ އެއާޕޯޓާއި ގުޅުންހުރި މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި އެގޮތުން އެމަސައްކަތް މިހާރު އޮތީ އެވޯޑު ކުރެވިފައިވާކަމަށެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް 2024 ވަނަ އަހަރު ނިމެންވާއިރަށް ނިންމާލެވޭނެ ކަމަށް މިިއުވާން ވިދާޅުވިއެވެ.

""2024 ވަނަ އަހަރު ނިމެންވާއިރަށް އެއާޕޯޓުގެ އެކްސްޕޭންޝަން މަސައްކަތް ނިމޭނެކަމަށް އަޅުގަނޑުމެން މި އުންމީދުކުރަނީ. އެހެންވީމާ މާ ގިނަ ދުވަހެއް ނެތް،" މިއުވާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު