ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ދިވެހިން ވަޒީފާއަށް ނެރުމަށް ޕްރޮގްރާމެއް ހިންގުމަށް އިކޮނޮމިކް މިނިސްޓްރީއާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ސެކިއުރިޓީ އޮފިސަރސް އިނިޝިއަލް ޓްރެއިނިން ޕްރޮގްރާމެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދަށުން ހިންގާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ގުޅިގެން ހިންގާނެއެވެ. އަދި މި ޕްރޮގްރާމް އަންނަމަހުގެ ތެރޭގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި މިހާރު ގިނައިން މަސައްކަތް ކުރަނީ ބިދޭސީންކަމަށްވާއިރު އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ މަޤުސަދަކީ ސެކިއުރިޓީގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ފުރުޞަތު ހުޅުވައިދީ، މި ދާއިރާގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުންކަމަށެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި 30 ސެކިއުރިޓީ އޮފިސަރުން ތަމްރީންކުރުމަށް ހަމަޖެހިފައިވާއިރު ދެ ހަފްތާގެ މި ޕްރޮގްރާމް ކުރިއަށްގެންދާނީ ދ. ވާނީގައެވެ. މިއީ ސަރުކާރުން ހަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިތަމްރީން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް 13 އޮކްޓޯބަރުގެ ނިޔަލަށް، ޖޮބްސެންޓަރ މެދުވެރިކޮށް ފޯމް ހުށައެޅޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު